މާލެ: 31°C

އިޒްރޭލުން ހިންގަނީ ގަތުލް އާންމެއް: ރައީސް

އިޒްރޭލުން ހިންގަނީ ގަތުލް އާންމެއް: ރައީސް
September 25, 2024
2 ފަހަރު ބަލާފައި
އިޒްރޭލުން ހިންގަނީ ގަތުލް އާންމެއް: ރައީސް

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެ، އިޒުރޭލުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި ގަތުލުއާއްމު ކުށްވެރިކޮށް އިޒުރޭލު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މުއިއްޒު މިކަމަށް ގޮވާލެއްވީ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި މިރޭ ތަގުރީރު ކުރައްވަމުންނެވެ.

ރައީސް ވަނީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން އދގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ. އިޒުރޭލުގެ އަނިޔާވެރިކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ގައުމަކުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގައިވަނީނަމަ އެކަން ތަހައްމަލުކޮށްގެން ތިބެގެން ނުވާނެ ކަމަށެވެ. "އެފަދަ ޙާލަތެއްގައި އެ ގައުމެއްގެ ކުޑަބޮޑުމިނަކީ ނުވަތަ އެ ގައުމެއްގެ މުއްސަނދި ކަމަކީ ބަހަނާއަކަށް ވެގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ. ފަލަސްތީނުގެ ޣައްޒާގެ ޙާލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި، ބައިނަލްއަގްވާމީ މުޅި ނިޒާމުގެ ނާކާމިޔާބީ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އިޒުރޭލުގެ އަމަލުތައް ކުށްވެރިކުރައްވަމުން ރައީސް މުއިއްޒު ވަނީ އިޒުރޭލުން ހިންގާ ޖަރީމާތަކުގެ ސަބަބުން، އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ޒހަމުވަމުންދާ ކަން ދުނިޔެއަށް ހަނދާންކޮށްދީފަ އެވެ. ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، ސްކޫލްތަކާއި އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަސީލަތްތަކަށް އަމާޒުކޮށްގެން އިޒުރޭލުން ދޭ ހަމަލާތަކަށްވެސް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޣައްޒާގައި އާންމުން މަރުވަމުންދާ މިންވަރު ދުނިޔެއަށް ބަލައިނުގަނެވިގެން އުޅެނިކޮށް، މިހާރު އިޒުރޭލުން ލުބްނާނަށް ހަމަލާދީ، އެ ހަމަލާތަކުގައި އެތައް ސަތޭކަ އާންމުންނެއް މަރުވަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ. ރައީސްގެ ތަގުރީރުގައި ވަނީ ފަލަސްތީނާއި ލުބްނާން އަދި އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރި ކުރުމަކީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް އިޒުރޭލުން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. "އެހެންކަމުން އދގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވެ، އިޒުރޭލުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އިޒުރޭލު ޖަވާބުދާރީ ކުރުވަންޖެހޭ،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަންނަން ޖެހޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ