ތައިލެންޑުން ދެމުން އައި ފްރީ ވިސާ ދިނުން ހުއްޓާލަން ނިންމައިފި އެވެ.
ރާއްޖެ ހިމެނޭހެން އޭޝިއާގެ ހުރިހާ ގައުމަކަށާއި އޮސްޓްރޭލިއާއަށް ތައިލެންޑުން ދެމުން އައި ފްރީ ވިސާ ދިނުން ހުއްޓާލަަން އެ ގައުމުން ނިންމާފައިވާ ކަމަށް ތައިލެންޑް ސަރުކާރުން މިހާރު ވަނީ އިއުލާންވެސް ކޮށްފަ އެވެ. ތައިލެންޑުން ފްރީ ވިސާ ދިނުން ހުއްޓާލުމަށް ނިންމި ނިންމުމަށް އަމަލުކުރަން ފަށާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މިނިންމުމަށް އަމަލުކުރަން ފެށުމުން ތައިލެންޑަށް ދަތުރުކުރެވޭނީ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) އެއް ހޯދައިގެންނެވެ. އީޓީއޭ ހޯދަން ބޭނުންވާ ފަރާތްތަކުން ތައިލެންޑުގެ އޮފިޝަލް އީ-ވިސާ ޕޯޓަލުން އީޓީއޭއަށް ހިލޭ ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. އީޓީއޭ މެދުވެރިކޮށް ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކަށް އެ ގައުމުގައި 60 ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެ އެވެ. އަދި އިތުރަށް މަޑުކުރަން ބޭނުންވާނަމަ 30 ދުވަހަށް މުއްދަތު ދިގުކުރުމަށް އެއް ފުރުސަތު ލިބޭނެ އެވެ. ތައިލެންޑުން ފްރީ ވިސާ ދިނުން ހުއްޓާލީ ބޯޑަރު ސެކިއުރިޓީ ރަނގަޅުކޮށް، ގަވާއިދާ ހިލާފަށް ގައުމަށް އެތެރެވާ މީހުން މަދުކުރުމުގެ ގޮތުންނެވެ. މީގެ ސަބަބުން ދަތުރުވެރިންނަށް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަހަށް ވަދެވުން ފަދަ ފަސޭހަތަކެއް ވާނެ އެވެ. އީޓީއޭ ނެގުމުން އިސްތިސްނާވާ ހަމައެކަނި ގައުމުތަކަކީ މެލޭޝިއާއާއި ލާއޯސް އެވެ.







