މާލެ: 31°C

ބީއެމްއެލްގެ ބޯޑުން ސަޖުނީ އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ބޯޑުން ސަޖުނީ އިސްތިއުފާ ދެއްވައިފި
September 21, 2024
2 ފަހަރު ބަލާފައި
ބީއެމްއެލްގެ ބޯޑުން ސަޖުނީ އިސްތިއުފާ ދެއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އައިޝަތު ސަޖުނީ އިސްތިއުފާ ދެއްވައިފި އެވެ.

ބީއެމްއެލްއަށް ސަރުކާރުން އައްޔަންކުރި ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި ސަޖުނީ އިސްތިއުފާ ދެއްވިކަން އަވަސްއަށް ޔަގީންކުރެވިފައިވީ ނަމަވެސް ބީއެމްއެލް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. 

އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން ސިންގަޕޫރުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ ސަޖުނީ އެޕްލައިޑް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވަނީ އެމެރިކާގެ އީސްޓާން މިޝިގަން ޔުނިވާސިޓީންނެވެ. ސަޖުނީއަކީ މެކްރޯއިކޮނޮމިކްސްއާއި ފައިނޭންސްގެ ދާއިރާއިން 10 އަހަރަށް ވުރެ ގިނަ އަހަރު މަސައްކަތް ކުރައްވާ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގައި 2017އިން 2019އަށް އެ އޮތޯރިޓީގެ ރިސާޗް ޑިވިޝަންގައި ސަޖުނީ ވަނީ އިސްކޮށް މަސައްކަތް ކުރައްވާފަ އެވެ. އަދި ފެބްރުއަރީ 2019 އިން މާޗު 2020އަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އިކޮނޮމިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. ބީއެމްއެލްގައި ސަޖުނީ އެންމެ ފަހުން ހުންނެވީ ބޯޑުގެ ކޯޕަރޭޓް ގަވާނަންސް ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައެވެ. ސަޖުނީ ބީއެމްއެލްގެ ބޯޑު އިސްތިއުފާ ދެއްވާފައި މިވަނީ ބީއެމްއެލްގެ ބޯޑު މެންބަރުން ސަރުކާރާ ދެކޮޅަށް މާލީ "ބަޣާވާތެއް" ކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުހުމަތުކުރައްވައި ފުލުހުން އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ފަށްޓަވާފައި ވަނިކޮށެވެ. ސަޖުނީ އިސްތިއުފާ ދެއްވާފައިވާ މިވަނީ މަދަމާ ރޭ ބީއެމްއެލްގެ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ. މިޖަލްސާ އަކީ ވެސް ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އައްޔަންކުރަން ބޭނުންވާ ޑިރެކްޓަރުންނާ މެދު ގޮތްތަކެއް ނިންމަން ބާއްވާ ޖަލްސާ އެކެވެ. ބީއެމްއެލްގެ ބޯޑުގައި 11 ބޭފުޅުން ތިއްބަވާއިރު މީގެތެރޭގައި ހިމެނެނީ އާންމު ހިއްސާދާރުން ތަމްސީލް ކުރާ ތިން ބޭފުޅަކާއި ސަރުކާރު އައްޔަންކުރާ 8 ބޭފުޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ