މާލެ: 31°C

ގައުމާއި ޕާޓީ ހިންގުމުގެ ތަޖުރިބާ ޕީއެންސީއާ ހިއްސާކުރަން ތައްޔާރުކަމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓިން ބުނެފި

ގައުމާއި ޕާޓީ ހިންގުމުގެ ތަޖުރިބާ ޕީއެންސީއާ ހިއްސާކުރަން ތައްޔާރުކަމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓިން ބުނެފި
September 20, 2024
2 ފަހަރު ބަލާފައި
ގައުމާއި ޕާޓީ ހިންގުމުގެ ތަޖުރިބާ ޕީއެންސީއާ ހިއްސާކުރަން ތައްޔާރުކަމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓިން ބުނެފި
ގައުމާއި ޕާޓީ ހިންގުމުގެ ތަޖުރިބާ ޕީއެންސީއާއި ހިއްސާކުރާނެކަމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ބުނެފިއެވެ.

 ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ އިން އެހެން ބުނެފައިވަނީ އެ ޕާޓީގެ ދައުވަތަކަށް ދިވެހި ރާއްޖޭގެ ވެރިކަންކުރާ ޕާޓީ (ޕީއެންސީ) ގެ އިސްބޭފުޅުންގެ ވަފްދަކުން ޗައިނާ އަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުގައި ކޮމިއުނިސްޓް ޕާޓީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓްމެންޓުގެ މިނިސްޓަރ ލިއު ޖިއަންޗޯއާ އާއި ބައްދަލުކުރެއްވުމުގެ ތެރެއިން އެ ޕާޓީގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައެވެ

މިނިސްޓަރ ލިއު ޖިއަންޗޯއާ ގެ ވާހަކަފުޅުގައި މިއަހަރަކީ ޗައިނާގެ ރައީސް ޝީ ޖިންފިން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިތާ 10 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި މިއަހަރު ރާއްޖޭގެ ރައީސް ޑރ،މުހައްމަދު މުއިއްޒް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެެއެވެ. އޭގެ އިތުރުން ކޮމިއުނިސްޓް ޕާޓީން ޕީއެންސީއާއި އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި އޮންނަ ބަދަހިގުޅުމާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައިވެއެވެ. އެހެންކަމުން ޤައުމު ހިންގުމުގައި އެ ޕާޓީއަށް ލިބިފައިވާ ތަޖުރިބާތައް ޕީއެންސީ އާއި ހިއްސަކުރުމަށް ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ޕީއެންސީގެ ވަފްދުގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ ރާއްޖޭގެ ޓްރާންސްޕޯރޓް މިނިސްޓަރ މުޙައްމަދު އަމީން އެވެ. ޕީއެންސީ ގެ ފަރާތުން މިނިސްޓަރ އަމީނުގެ ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ މެދުގައި އޮތް އެކުވެރި ގުޅުމަކީ ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ އިޤުތިޞާދީ އިޖުތިމާޢީ ކުރިއެރުމަށް ޗައިނާއިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވިޔަފާރިއާއި ދަތުރުފަތުރާއި، ސަގާފީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރެއްވެވިއެވެ.

އަދި ދައުލަތް ހިންގުމުގެ ތަޖުރިބާތައް ހިއްސާކުރުން އިތުރުކޮށް، ގިނަ ގައުމުތައް ޝާމިލުވާ ގޮތަށް ސަރަހައްދީ ތަރައްޤީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގައި ޗައިނާއާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި ވަނީ ދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ