އިޒްރޭލުގެ އަސްކަރީ ޓެކްނޮލީ ކުރިއަރާފައި އޮތީ މުޅި ދުނިޔެވެސް އެކަމާ ބިރުގަންނަން ޖެހޭ މިންވަރަށެވެ. ދުނިޔޭގެ ސަލާމަތާގުޅޭ ބައެއް ތަޖުރިބާކާރުން ސިފަކުރާ ގޮތުގައި އިޒްރޭލަކީ އަސްކަރީ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަބާރެވެ. އެމީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ކޮންމެ ފަދަ ނުރައްކަލެއްވެސް ދުނިޔެއަށް ކޮށްފާނެއެވެ. މީގެ އެއް މިސާލަކީ އެއްފަހަރާ އެތައް ސަތޭކެ ޕޭޖަރެއް ގޮއްވާލައި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ނުތަކާވަރުގެ ބޮޑު ގެއްލުމެއް ދިން ނުރައްކާތެެރި ގޮތެވެ. އެ ހަމަލާ ދިން ބަޔަކީ އިޒުރޭލު ކަމަށް ހިޒްބުﷲއިން ވަނީ ބުނެފަ އެވެ.
މި ހަމަލާގެ ބަދަލު ހިތި ގޮތަކަށް ހިފާނެ ކަމަށް ވެސް ހިޒްބުﷲއިން ބުންޏެވެ.
ލުބްނާންގެ މުވާސަލާތީ ނެޓްވޯކަށް އަންގާރަ ދުވަހު އިޒުރޭލުން ވަދެގަނެ، ހިޒްބުﷲ ހަނގުރާމަވެރިން އުޅޭ ސަރަހައްދަށް ޚާއްސަކޮށް ދިން ސައިބާ ހަމަލާގައި އަށް މީހަކު ވަނީ މަރުވެފަ އެވެ. އިތުރު 3،000 އަށް ވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. މި ހަމަލާއާ ގުޅިގެން ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި އިޒުރޭލުގެ މި އަނިޔާވެރި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައި ވެއެވެ. މި ހަމަލާއަށް ބޭނުން ވަނީ ހޫނުގަދަ ބަދަލެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އިޒުރޭލުގެ މި ހަމަލާގެ ސަބަބުން ހިޒްބުﷲގެ ހަމަލާތައް އިތުރުވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. އަދި ސީދާ ހަނގުރާމައަކަށް ދާން ޖެހުނު ނަމަވެސް ދޫކުރުމެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ. އިޒްބުﷲއިން ބުނާ ގޮތުން އެ މީހުން އަބަދުވެސް ތިބޭނީ ޣައްޒާގައި ތިބި އެ މީހުން އަޚުންނާ އެކު އެވެ. އަދި ގުދުސް މިނިވަންކުރަން ކުރަމުން ގެންދާ ހަނގުރާމަ ފުޅާކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހުޅަނގު އައްސޭރި އާއި މަސްޖިދުލް އަގްސާ މިނިވަންކުރުމުގައި ޒަމާން ނިމެންދެން ދެމިތިބޭނެ ކަމަށް ވެސް ހިޒްބުﷲގެ ބަޔާނުގައި ބުނެފައި ވެއެވެ.







