މާލެ: 31°C

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަންކުރައްވައިފި

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަންކުރައްވައިފި
September 18, 2024
2 ފަހަރު ބަލާފައި
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްބާސް ޝަރީފް އައްޔަންކުރައްވައިފި އެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އައްބާސްއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީވެސް ރައީސް މުއިއްޒު އެވެ. ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އައްބާސް ހުންނެވީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގަ އެވެ. ޕީޖީގެ މަގާމު ހުސްވުމުން އެ މަގާމަށް ހަ ބޭފުޅުން ކުރިމަތިލެއްވި އިރު ރުހުން ހޯދުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ. ރައްޔިތުންގެ މަޖިލީހުން އައްބާސްއަށް ރުހުން ދީފައިވަނީ މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގަ އެވެ. އެގޮތުން އައްބާސްއަށް ރުހުން ދޭން ފެނޭތޯ ވޯޓަށް އެހުމުން 85 މެންބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އައްބާސް ވަނީ އޭނާ ޕީޖީގެ މަގާމަށް އައްޔަން ކުރައްވައިފިނަމަ ކުރަން ރާވާފައިވާ ކަންކަން ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މުހިންމު އިސްކަމެއް ދީގެން ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރުންގެ މުސާރައާއި އިނާޔަތްތައް ބަލާ ބޮޑު ކުރަން ޖެހޭނަމަ އެކަން ކުރުމަށް މަސައްކަތް ކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އައްބާސްއަކީ ގިނަ ދުވަސް ވަންދެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްކަމުގެ މަގާމުތައް ފުރުއްވާފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައިވެސް ޔާމީންގެ ދިފާއުގައި ވަކާލާތު ކުރައްވާފަ އެވެ. ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ ތައުލީމު ހާސިލުކުރެއްވުމަށްފަހު އައްބާސް ވަނީ ރާއްޖޭގައި ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާފަ އެވެ. ޕީޖީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް އެ މަގާމުން ވަކި ކުރުމަށް ފާސް ކުރުމުންނެވެ. އެ މަގާމު ހުސްވެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ