ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކަ ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ޖަހަންގިރި ކިޔާ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ. ބަންދު މަޖިލީހުގައި ފުލުހުން ކޯޓަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ސައިކަލްގެ މަޑިދަށުން 442،750 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. މިކަން ކުރި ކަމަށް ޖަހަންގިރް އިންކާރުކޮށްފައިވީ ނަމަވެސް ފުލުހުން ވަނީ ކަމާ ގުޅޭ ހެކިތަކެއް ކޯޓަށް ހުށަހަޅާފަ އެވެ. އެގޮތުން ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނެ އެވެ. މި މައްސަލައާއި ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.







