މާލެ: 31°C

ބާރުގަދަ ތޫފާނެއް: ވިއެޓްނާމުގައި 200 މީހުން މަރުވެ އެތައް ބަޔަކު ގެއްލިއްޖެ

ބާރުގަދަ ތޫފާނެއް: ވިއެޓްނާމުގައި 200 މީހުން މަރުވެ އެތައް ބަޔަކު ގެއްލިއްޖެ
September 11, 2024
2 ފަހަރު ބަލާފައި
ބާރުގަދަ ތޫފާނެއް: ވިއެޓްނާމުގައި 200 މީހުން މަރުވެ އެތައް ބަޔަކު ގެއްލިއްޖެ
އޭޝިޔާ ބައްރުގެ ސަރަޙައްދުގައި މި އަހަރު އުފެދުނު އެންމެ ނުރައްކާތެރި ތޫފާން ކަމުގައިވާ ޔާގީ ވިއެޓްނާމްގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 200 އަށް އަރައިފިއެވެ. ތޫފާނާ ގުޅިގެން މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހި, އެ ޤައުމުގެ އުތުރުގައިވާ ޕްރޮވިންސުތަކުގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. އޭގެ ތެރޭގައި ވެރިރަށް ހަނޯއީގެ ރަށް ބޭރުގައިވާ ސަރަޙައްދުތައް ހިމެނެއެވެ. ތޫފާން ޔާގީއާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ފެންބޮޑުވުމާއި, ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައެވެ. ވިއެޓްނާމްގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ, އެ ހާދިސާތަކުގައި ގެއްލުނު ކަމަށް ބެލެވޭ އިތުރު 54 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. ފެންބޮޑުވުމާއި, ކިސަޑު ފޭބުމުގެ ހާދިސާތަކުގައި އިތުރު 764 މީހަކަށް އަނިިޔާވި ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކޮށްފައި ވަނީ ވިއެޓްނާމުގެ އިރުއުތުރުގައިވާ ސަރަޙައްދުތަކަށެވެ. އެ ސަރަޙައްދުތަކުގައި ފެންބޮޑުވެ, ބައެއް ހިސާބުތަކުގެ ބިންގަނޑު ކެނޑުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ގެއްލުން ލިބިފައިވާ ތަންތަނުގެ ތެރޭގައި ޢާންމުންގެ ގެދޮރާއި ސިނާޢީ މަސައްކަތްތައް ކުރާ ކާރުޚާނާތައް ހިމެނެއެވެ. ތޫފާން ޔާގީ ވިއެޓްނާމްގެ ރަށްތަކަށް އަރާފައި ވަނީ ފިލިޕީންސާއި ޗައިނާގެ ދެކުނުގައި އޮތް ހައިނާންގެ ސަރަޙައްދުތަކަށް ވެސް އަރައި, ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހުއެވެ. ތޫފާނާ ގުޅިގެން ވިއެޓްނާމްގެ އުތުރުގެ ސަރަޙައްދުތަކުން ދެމޭ ގިނަ ކޯރުތަކެއް ވަނީ ފުރި, ބަންޑުންވެފައެވެ. އެއާ އެކު ޢާންމުން ދިރިއުޅޭ ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. ވިއެޓްނާމްގެ އުތުރުގައި އޮންނަ ފޫ ތޯ ޕުރޮވިންސުގައި ބުރިޖެއް ވެއްޓި, އަށް މީހުން ގެއްލިފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ބުންޏެވެ. އެއީ, މީގެ 30 އަހަރު ކުރިން ބިނާ ކޮށްފައިވާ ބުރިޖެކެވެ. އެ ހާދިސާއާ ގުޅިގެން, ބުރިޖުތައް ހުރަސްކޮށް ދަތުރު ކުރުން ވަނީ މަނާ ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ