ހުޅަނގުގެ ނުފޫޒުން ކޮރެއާ ސަރަހައްދު ސަލާމަތްކުރެވެން އޮތީ ނިއުކްލިއާ ހަތިޔާރު އުފެއްދުން އިތުރުކޮށްގެން ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިދާޅުވެއްޖެ އެވެ.
ކިމް ދެކެވަޑައިގަންނަވާ ގޮތުގައި ދެކުނު ކޮރެއާއާ ގުޅިގެން ހުޅަނގުން މަސައްކަތް ކުރަނީ ކޮރެއާ ސަރަހައްދު ނުރައްކަލަށް ހުށަހެޅުމަށެވެ.
ދެ ކޮރެއާ ދެމެދުގައި އެންމެ ބޮޑު ނުތަނަވަސްކަމެއް އުފައްދަނީ އެމެރިކާ އިސްވެ އޮވެ ހުޅަނގުން ކަމަށް ކިމް ވިދާޅުވި އެވެ. އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ޖަޕާން ގުޅިގެން ކޮރެއާ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ބާއްވާ އަސްކަރީ ފަރިތަކުރުންތަކަކުގެ ސަބަބުން ކޮރެއާ ސަރަހައްދު މަސްލަހަތު ގެއްލިގެން ނުވާނެ ކަމަށް ކިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދެކުނު ކޮރެއާއާ އެކު މަޝްވަރާއެއް ފެށޭނީވެސް އެމެެރިކާއާ ދުރުހެލިވާން ދެކުނުން އެއްބަސްވާނަމަ ކަމަށެވެ. ކިމް ޖޮން އުންއާ ހަވާލާދީ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނި ގޮތުން ހުޅަނގުން ނުރައްކާތެރި ފިޔަވަޅެއް އެޅުމުގެ ކުރިން އުތުރު ކޮރެއާގެ ނިއުކްލިއާ ގުދަންތައް ފުރާލަން ޖެހޭ ކަމަށެވެ.ހުޅަނގުން ނުރައްކަލެއް އައުމުގެ ކުރިން ތައްޔާރުވުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ކިމް ވިދާޅުވި އެވެ.
އެނާ ވިދާޅުވީ އެއްވެސް ގައުމަކާ ނުބައްދަލު މިންވަރަށް އުތުރު ކޮރެއާގެ ނިއުކްލިއާ ބާރުތައް ވަރުގަދަކުރައްވާނެ ކަމަށެވެ. އަދި ނިއުކްލިއާ ހަަމަލާތަކަށް ހާއްސް އަސްކަރީ ފައުޖެއް އުފައްދަވާނެ ކަމަށެވެ. އުތުރު ކޮރެއާ އަކީ ޖެހުނު ކޮންމެ ތަނަކަށް ނިއުކްލިއާ ހަމަލާދޭނެ ގައުމެއް ނޫން ކަމަށްވެސް ކިމް ވިދާޅުވި އެވެ. ނިއުކްލިއާ ހަމަލާއެއް ދޭނީ ކޮންމެހެން ދޭންޖެހިގެން އަދި ގައުމުގެ ދިފާއުގައި ކަމަށްވެސް ވިދާޅުވި އެވެ.






