މާލެ: 31°C

ހިތުގައި ޖެހި އަސަރުކޮށްފި: ޓްރަމްޕް

ހިތުގައި ޖެހި އަސަރުކޮށްފި: ޓްރަމްޕް
September 9, 2024
2 ފަހަރު ބަލާފައި
ހިތުގައި ޖެހި އަސަރުކޮށްފި: ޓްރަމްޕް

އެމެރިކާގައި މިއަހަރު ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ތާއީދުކުރައްވަނީ ކަމަލާ ހެރިސްއަށް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވުމާ ގުޅިގެން ވަރަށް ބޮޑަށް އަސަރުކުރެއްވި ކަމަށް ވިދާޅުވެ -- އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަމާސާއަށް މަލާމާތްކުރައްވައިފި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ޕޫޓިން އޭނާގެ ބޮލުގައި އެ އެޅުއްވީ އިލްޒާމެއް ކަމެއް ނުވަތަ އެ ކޮށްދެއްވީ ބޮޑު ހެޔޮކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރަޝިއާގެ ލަޑިވޮސްޓޮކްގައި އޮތް އީސްޓާން އިކޮނޮމިކް ފޯރަމްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ޕޫޓިން ވިދާޅުވީ ކަމަލާ ހެރިސްއަށް ތާއީދުކުރައްވަން ނިންމެވި ސަބަބަކީ އެމެރިކާގެ ރައްޔިތުންގެ ކިބައިން ކަމަލާއަށް ތާއީދުކުރެއްވުމަށް ޖޯ ބައިޑަން އެދިވަޑައިގެންފައި ވާތީ ކަމަށެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންއަށް މި ފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް ނަމަ ޕޫޓިންގެ އިޚުތިޔާރަކަށް ވާނީ ބައިޑަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަމަލާ ހެރިސްއަށް ތާއީދުކުރައްވަން ނިންމެވި އަނެއް ސަބަބަކީ، ޕޫޓިން ވިދާޅުވި ގޮތުގައި ކަމަލާ ހިނިފުޅުވަޑުވާއިރު، ޚުދު ޕޫޓިންއަށް ވެސް ހިނިގަނޑު ނުހިފެހެއްޓޭތީ ކަމަށެވެ. ކަމަލާ ގެންގުޅުއްވަނީ ގައިން ގަޔަށް އަރާ ހިނިގަނޑެއް ކަމަށާއި، ކަމަލާގެ ހިނގަނޑުގައި ނުޖެހި ސަލާމަތްވުމަކީ އާދައިގެ މީހަކަށް ކުޅަދާނަ ކަމެއް ނޫން ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

އެމެރިކާގެ ވިސްކޮންސިންގައި އޮތް ކެމްޕޭން އެއްވުމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކަމަލާއަށް ތާއީދުކުރައްވާ ކަމަށް ޕޫޓިން ވިދާޅުވީ އެއްކޮލުން ހީލައްވާފައި ކަމަށެވެ. އޭގެ މާނަ އަކީ އެއީ ޖޯކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ޕޫޓިން އަކީ އޭނާގެ ވަރަށް ގާތް ލީޑަރެކެވެ. ޕޫޓިންގެ މިޒާޖާއި ވިދާޅުވާ ވިދާޅުވުމެއްގެ މާނަ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް އަދި ވިދާޅުވީ އޭނާއާ މެދު ޕޫޓިން ކޮންމެ ގޮތަކަށް ހީކުރެއްވި ނަމަވެސް، އެމެރިކާގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވި ނަމަ ޔުކްރޭން ހަނގުރާމަ ނުހިނގާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކީ ކަމަލާ ހެރިސް އެވެ. ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވަނީ ޑޮނަލްޑް ޓްރަމްޕް އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ