މާލެ: 31°C

މަރުގެ ތަހުލީލު ކުރުމަށް އަތުހަރުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

މަރުގެ ތަހުލީލު ކުރުމަށް އަތުހަރުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި
September 5, 2024
2 ފަހަރު ބަލާފައި
މަރުގެ ތަހުލީލު ކުރުމަށް އަތުހަރުގެ ހަށިގަނޑު ބޭރަށް ފޮނުވައިފި
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މައްސަލާގައި ބަންދުގައި ހުރެ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހާލު ދެރަވެ ފަރުވާދެމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހު މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް މިއަދު ފޮނުވައިފި އެވެ. މީޑިއާ ގްރޫޕަށް މިއަދު ފޮނުވި މެސެެޖެއްގައި ފުލުހުން ބުނީ އަތުހަރުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ. ޕޯސްޓުމޯޓަމް ހަދަން އާއްމު ގޮތެއްގައި ފޮނުވަނީ އިންޑިއާ އަށެވެ. މީގެ ކުރިން ޖަލުގައި ހުރި ގައިދީއަކު މަރުވި މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށެވެ. އަދި އާއިލާއިން ދެކޮޅު ހެދި ނަމަވެސް ފުލުހުންނަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން އަތުހަރުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި އަތުހަރު ޖަލު ގޮޅީގައި ދަންޖެހެން އުޅުނު ސީސީޓީވީ ފޫޓޭޖުވެސް ނޫސްވެރިންނަށް ދައްކާލި އެވެ. އަތުހަރުގެ ގޮޅީގެ މައި ދޮރުގެ އިތުރުން ދެ ފަޅީގައި ހުރި ދެ ކުޑަ ދޮރުވެސް ހުރީ ދަގަނޑު ތޭރިންނެވެ. އެތަނުން ކުޑަ ދޮރާކާ ދިމާލުގައި ހުރި އެނދު މަތީގައި 6:29 ހާއިރު، ކެމެރާއަށް ފުރަގަސްދީގެން އަތުހަރު އިން މަންޒަރު ފެނެ އެވެ. އެ ތަނުގައި ކަޅު ކުލައިގެ ސޯޓަކާ ނޫކުލާއިގެ ޓީޝާޓެއް ލައިގެން އިށީންދެލައިގެން ހުރި އަތުހަރު، އޭނާގެ ސޯޓުގެ ނާޑުވާ ނައްޓުމުންދާ މަންޒަރު ވިޑީއޯއިން ފެނެ އެވެ. އޭގެ މިނެޓެއް ފަހުން 6:30 ގައި އަތުހަރު އެނދުން ތެދުވެ އެވެ. އެނދާ ދުރުގައި ހުރި ކުޑަދޮރު ކައިރީގައި ގޮސް ހުއްޓެ އެވެ. އެ ހުރިހާ ވަގުތެއްގައި އޭނާ ހުރި ސީސީޓީވީ އަށް ފުރަގަސްދީގެންނެވެ. އޭގެ ފަހުން ކުޑަދޮރުގެ ތޭރިއެއްގައި ސޯޓުގެ ނާޑުވާ އައްސައިގެން މަރުވާން މަސައްކަތް ކުރެ އެވެ. އެއަށްފަހު އަތުހަރު ބިންމަތީގައި އިށީންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އެއީ 6:33 ގަ އެވެ. އެއްފައި ކުރުކޮށް އަނެއް ފައި ދަމާލާ މަންްޒަރު ފެންނައިރު، ފަޔަށް ބާރުވެގެން އުޅޭ މަންޒަރުވެސް ފެނެ އެވެ. ފެންނަ ފެނުމަށް ނާޑުވާއިން ކަރަށް ވާން ނުވެގެން އުޅޭހެންވެސް ހީވެ އެވެ. އަދި ފުންކޮށް ނޭވާލާ ހެންވެސް ހީވޭ އެވެ. އަތުހަރުގެ ހަރަކާތް މަޑުވަމުން ދިޔަ މަންޒަރު ވީޑިއޯ އިން ފެންނައިރު، ދެން ފެންނަނީ އެ ގޮޅިއަށް ފުލުހުންގެ ތިން އޮފިސަރަކު ވަންނަ މަންޒަރެވެ. އޮފިސަރުން ގޮޅިއަށް ވަނީ ދަންޖެހުމުގެ މަސައްކަތް ފެށިތާ 33 މިނެޓު ފަހުން، 7:02 ގަ އެވެ. އެ ތިން އޮފިސަރުން ގޮޅިއަށް ވަދެ އަވަސް ވެގަތީ އަތުހަރުގެ ކަރުގައި އައްސާފައި އޮތް ނާޑުވާ މޮހެލަ އެވެ. އެއަށްފަހު އަތުހަރު ތިރީގައި ބާއްވަ އެވެ. އަދި 7:05 ގައި ސްޓެޗާއަށް ލައިގެން އަތުހަރު ގޮޅިން ނެރެ އެވެ. ފުލުހުން އާންމުކުރި ޓައިމްލައިންއަށް 7:06 ގައި ޖަލާ ކައިރި އިންނަ ދޫނިދޫ ކްލިނިކަށް އަތުހަރު ގެންގޮސް ޑޮކްޓަރު އޭނާ ބަލާފައިވެ އެވެ. މާލެ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައީ 7:25 ގަ އެވެ. އަތުހަރު ދަން ޖެހެން އުޅުނު މައްސަލަ އެޗްއާރުސީއެމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ