މާލެ: 31°C

މާކަނޑު ހިމާޔަތްކުރުމާ ބެހޭ އދ.ގެ މުއާހަދާގައި ސޮއިކޮށްފި

މާކަނޑު ހިމާޔަތްކުރުމާ ބެހޭ އދ.ގެ މުއާހަދާގައި ސޮއިކޮށްފި
September 4, 2024
2 ފަހަރު ބަލާފައި
މާކަނޑު ހިމާޔަތްކުރުމާ ބެހޭ އދ.ގެ މުއާހަދާގައި ސޮއިކޮށްފި

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި އެ ސަރަހައްދުތަކުގެ ބޭނުންހިފޭނެ ގޮތް މަގުފަހިކުރުމަށް އދ. އިން މިދިޔަ އަހަރު އެކުލަވާލާފައިވާ ބީބީއެންޖޭ މުއާހަދާގައި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

އެ މުއާހަދާގައި ސޮއިކުރުމާ ގުޅިގެން ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ރާއްޖެ ކަހަލަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކުން މި މުއާހަދާގައި ސޮއިކުރުމަކީ ތާރީހީ ގޮތުން ވެސް ފާހަގަކޮށްވޭ ވަރުގެ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ރާއްޖެއަކީ މި މުއާހަދާގައި ސޮއިކުރި އދ. ގެ 92 ވަނަ މެމްބަރު ގައުމެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މުއާހަދާގައި ސޮއިކުރުމަކީ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް، ރައްކާތެރިކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއްދެއްވާ ކަމުގެ ހެއްކެއް ކަމަށެވެ.

"ދިވެހިން ވަރަށް ބޮޑަށް ބަރޯސާވޭ ކަނޑު ރައްކާތެރިކޮށް އަދި ހިމާޔަތްކުރުމަށް. މި އެއްބަސްވުމާ އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައިވާ ދިރުންތައް ވެސް ހިމާޔަތްކުރުމަށް މަސައްކަތް ކުރެވި، ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތަށް ވެސް ކުރިއެރުން ލިބޭނެ،" ޒަމީރު ވިދާޅުވި އެވެ.

މި މުއާހަދާއަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ. އަދި ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުވާ މި ކަހަލަ މުއާހަދާއެއްގައި ރާއްޖެ ކަހަލަ ކުޑަ ޖަޒީރާ ގައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

މި މުއާހަދާގައި ސޮއިކުރަން ވަޒީރުންގެ މަޖިލީހުން ނިންމެވީ މިދިޔަ ފެބްރުއަރީ މަހު 11 ގަ އެވެ. އަދި މި މުއާހަދާގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ރުހުން ދިނީ މިދިޔަ މެއި މަހު 14 ގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ