މާލެ: 31°C

އަތުހަރުގެ މަރާ ގުޅިގެން އެމްޑީޕީގެ ފާޑުކިއުން އިހްސާނަށް

އަތުހަރުގެ މަރާ ގުޅިގެން އެމްޑީޕީގެ ފާޑުކިއުން އިހްސާނަށް
September 4, 2024
2 ފަހަރު ބަލާފައި
އަތުހަރުގެ މަރާ ގުޅިގެން އެމްޑީޕީގެ ފާޑުކިއުން އިހްސާނަށް
އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުންގެ ބަންދުގައި ހުއްޓާ ދޫނިދޫ ޖަލުގައި ދަންޖެހެން އުޅުމުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި, ށ. މިލަންދޫ 32އ އާދަމް އަތުހަރުގެ މަރުގެ މައްސަލާގައި ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް އެމްޑީޕީން ތުހުމަތުތަކެއް ކޮށްފި އެވެ. އަތުހަރުގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު އެކަމުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ތުހުމަތު ކުރެވެމުންދާއިރު އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޭސް ގައި ފުލުހުންގެ ބަދަލުގައި އިހުސާން، އެ ހާދިސާގެ މައުލޫމާތު ހިއްސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ފުލުހުންގެ ގާނޫނު މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ. ފުލުހުންގެ ގާނޫނުގައި އެ ހިދުމަތް ހިންގާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެ ގާނޫނަށް ބެލުމެއް ނެތި މިނިސްޓަރު، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުންގެންދާ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި އެވެ. ރަހީނުކުރި އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން އަމަލުކުރި ގޮތަށް އިޝާރާތްކޮށް އެމްޑީޕީން ބުނީ އެ ހާލަތުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެފަދަ ހާލަތެއްގައި އަމަލުކުރުމަށް ފުލުހުންގެ ތެރޭގައި ކަނޑައަޅާފައިވާ ހަމަަތަކާ ހިލާފަށްކަމުގެ ސުވާލު އުފެދޭ ކަމަށެވެ. އެމްޑީޕީން ވަނީ ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަތުހަރަށް ލިބުނު ޖިސްމާނީ އަނިޔާއަށް ފަރުވާ ފުރިހަމަވުމުގެ ކުރިން އޭނާ އަލުން އަނބުރާ ފުލުހުންގެ ބަންދަށް ގެންގޮސް ދޫނިދޫގައި ބަންދުކުރީ ހަދަން ޖެހޭ އެސެސްމަންޓުތައް ފުރިހަމަކޮށްފައިތޯ ތަހުގީގުން ކަށަވަރުކުރަން ގޮވާލާފަ އެވެ. އޭގެ އިތުރުން ޖަލު ގޮޅީގައި އަތުހަރު ހަރަކާތްތެރިވަމުން ދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް އެމްޑީޕީން ބުންޏެވެ. އަތުހަރު އައިޖީއެމްއެޗަށް ގެންގޮސް އާއިލާއަށް ދޭން ޖެހޭ މައުލޫމާތު އެންމެ ފުރިހަމައަށް ނުދޭ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ