މާލެ: 31°C

ގައުމީ ދުވަހު ރައީސްގެ މުހިއްމު މެސެޖެއް: ފަތިހު ހޭލާ ގައުމެއް ބޭނުން

ގައުމީ ދުވަހު ރައީސްގެ މުހިއްމު މެސެޖެއް: ފަތިހު ހޭލާ ގައުމެއް ބޭނުން
September 4, 2024
2 ފަހަރު ބަލާފައި
ގައުމީ ދުވަހު ރައީސްގެ މުހިއްމު މެސެޖެއް: ފަތިހު ހޭލާ ގައުމެއް ބޭނުން
ފަތިހު ހޭލާ އަދި ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް އޮންނަ، ހެޔޮ ކަންކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން ކޮންމެ ދިވެއްސަކަށް އިހުސާސްވާން އެދިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިހުގެ ދިވެހިން ފަތިހު ހޭލުމަށް ސޯނާ ގަޑިއެއް ނުވަތަ އޮޓޯ އެލާމެއް ބޭނުން ނުވާ ކަމަށެވެ. ފަތިހުގެ މުލަ ހާލާއި ކޮވެލީގެ އަޑަށް މުޅި ރަށް ތެދުވެ، ފަތިސް ނަމާދުކޮށް މަސައްކަތުގައި ހޭލަމޭލަވާން ފަށައިގަންނަ ކަމަށެވެ. "އަޅުގަނޑުމެންގެ ކާބަފައިން ދުވަސް ފަށަނީ ފަތިސް ނަމާދުގެ ބަރަކާތުން. ދެން އޮތްބައި ފުރަނީ، މުޅިން ހޭދަކުރަނީ ދިރިއުޅުމުގެ ހަރަކާތްތަކުގައި. ދުވަސް ނިންމަނީ މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ވިތުރިން،" ރައީސް ވިދާޅުވި އެވެ. އެ ދެމެދު ހޭދަ ކުރަނީ ބުރަ މަސައްކަތާއި އުފެއްދުންތެރިކަމާ އަދި ދިރިއުޅުމުގެ ހުރިހާ ހަގީގަތްތަކާއި ކުރިމަތިލެވޭ މިންނެއް ޖިހާދެއްގައި ކަމަށެވެ. ދިވެހިންގެ އަމިއްލަކަން ނުވަތަ ދިވެހި އައިޑެންޓިޓީ އިއާދަކުރުމުގައި އެ ރޫހު ބޭނުންވާ ކަމަށެވެ. "ފަތިހު ހޭލާ ދިވެހި ގައުމެއް ބޭނުން. ހެނދުނާއި ދެ ނަމާދު ދޭތެރޭ ކީރިތި ގުރުއާން ކިޔެވުމުގައި ކުޑަކުދީން ޝައުގުވެރިކަމާ އުޅޭ ދިވެހި ގައުމެއް ދެކެން އަޅުގަނޑު ބޭނުން،" ރައީސް ވިދާޅުވި އެވެ. ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް އޮންނަތަން ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ކަން ފާހަގަކުރައްވާ ވިދާޅުވި ގޮތުގައި އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން ކޮންމެ ދިވެއްސަކަށް އިހުސާސްވާން އެދިވަޑައިގަންނަވާ ކަމުގަ އެވެ. ހަމަ އެއާއެކު މިސްކިތްތަކަށް އިހުގައި ކުރި އިހުތިރާމު އަލުން ގެންނަން ބޭނުންފުޅުވާ ކަމުގަ އެވެ. މިސްކިތްތަކުގެ ސާފުތާހިރުކަމާއި ބޭރު މަގާއި ހަރިންމަތެރެ އާއެކު ކުނިކަހާ ބެލެހެއްޓުމާ އަދި މިސްކިތްތަކުގެ އެތެރެ ވަސްމީރުކުރުވައި މާތް އަސަރު ގެންނަން ޖެހޭ ކަމުގަ އެވެ. އަދި މިސްކިތްތަކަށް އަރާއިރު، ރީތިކޮށް ތިބެން ޖެހޭ ކަމުގަ އެވެ. އެ ކަންކަމަކީ ދިވެހިންގެ ރީތި އާދަކާދައިގެ ތެރޭގައި ހުރި ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. "މިއިން ކޮންމެ ކަމެއްގައި ވެސް ދިވެހިންގެ ވަކި އައިޑެންޓިޓީއެއް އެބައޮތް. މި ކަންކަން ގެއްލިގެން ގޮސްގެން ނުވާނެ. މި ކަންކަން އާލާކުރުމުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ ހިސާބުން ފަށަމާތޯ،" ރައީސް ވިދާޅުވި އެވެ. އެގޮތުުން އާއިލާއަށާއި ރަހުމަތްތެރިންނަށް އެމަގު ދައްކައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. ހެޔޮ އަމަލުގެ ވިޔަފާރީގެ ހިއްސާގައި އެންމެން ބައިވެރިވާން ބޭނުންފުޅުވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ