މާލެ: 31°C

އުރުދުނުން މަކުނުވިދުރި ފެނިއްޖެ

އުރުދުނުން މަކުނުވިދުރި ފެނިއްޖެ
September 4, 2024
2 ފަހަރު ބަލާފައި
އުރުދުނުން މަކުނުވިދުރި ފެނިއްޖެ
އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު އުރުދުނުން ފެނިއްޖެއެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ބަލި ޖެހިފައި ވަނީ ބިދޭސީއަކަށް ކަމުގައެވެ. އެ މީހާ މިހާރު ވަނީ އެކަހެރި ކޮށްފައެވެ. އުރުދުންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ބަލި ޖެހިފައި ވަނީ 33 އަހަރުގެ ފިރިހެނަކަށް ކަމުގައެވެ. ނަމަވެސް, އެއީ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއް ކަން ހާމަ ކޮށްފައެއް ނެތެވެ. އެއީ, މި ބަލި ޖެހިފައިވާ މީހަކު އުރުދުނުން ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރު ވެސް, އެމްޕޮކްސް ބަލި ޖެހިފައިވާ މީހަކު އުރުދުނުން ދެނެގަނެވިފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އެފްރިކާގެ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެޕްޕޮކްސް ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި, ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. ބަލި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައެވެ. އަދި, އެ ޤައުމާ އިންވެގެން އޮތް ގިނަ ޤައުމުތަކަކަށް ބަލި ވަނީ ފެތުރިފައެވެ. ކޮންގޯގައި މި އަހަރުގެ ތެރޭގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 18,000ން މައްޗަށް އުފުލިފައިވާ ކަމުގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޮސް ވިދާޅުވިއެވެ. ބަލި އެންމެ ފަހުން ފެނިފައިވާ ޤައުމުތަކުގެ ތެރެއިން ބުރުންޑީން ވެސް ބަލި ޖެހިފައިވާ 150 މީހުން ދެނެގަނެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން, ޕާކިސްތާނާއި ސްވިޑެނާއި ތައިލެންޑުން ވެސް ބަލި ޖެހިފައިވާ ބަޔަކު ވަނީ ދެނެގަނެވިފައެވެ. އެފްރިކާގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވެކްސިން ގަތުމަށް ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ދާދި ފަހުން ވަނީ ބޮޑު އޯޑަރެއް ޖަހާފައެވެ. ޔުނިސެފުން ބުނީ, ވެކްސިން އުފެއްދޭ މިންވަރަށް ބަލައި 2025 އަހަރުގެ ޑިސެންބަރާ ދެމެދު އެމްޕޮކްސް ވެކްސިންގެ 12 މިލިޔަން ޑޯޒް ހޯދުމަށް އޯޑަރު ޖަހާފައިވާނެ ކަމުގައެވެ. އަދި, މިހާރު ވެސް ތައްޔާރުކޮށް ގުދަން ކޮށްފައިވާ ވެކްސިން ސްޓޮކުތައް ހޯދަން ބައެއް ކުންފުނިތަކާއި މުއްސަނދި ޤައުމުތަކުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޔުނިސެފުން ބުންޏެވެ. އޭގެ ތެރޭގައި ވެކްސިން އެލަޔަންސާއި ޕޭން އެމެރިކަން ހެލްތް އޮގަނައިޒޭޝަން ހިމެނެއެވެ. އެ އިދާރާތަކުން ވެކްސިން ޑޯޒުތައް ހަދިޔާ ކުރުމުގެ ފުރުޞަތު އޮތް ކަމުގައި ވެސް ޔުނިސެފުން ހާމަ ކުރިއެވެ. އެމްޕޮކްސަށް ފަރުވާ ކުރުމަށް ބޭނުން ކުރެވިދާނެ އައު ވެކްސިންތަކަށް ހުއްދަ ދިނުމަށް ވެސް ޑަބްލިޔުއެޗްއޯން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން, ބެވޭރިޔަން ނޯޑިކް ކުންފުންޏާއި ޖަޕާނުގެ ކޭއެމް ބަޔޮލޮޖިކްސް ކުންފުނިން އުފައްދާފައިވާ އައު ދެ ވެކްސިނަކާ ގުޅޭ މަޢުލޫމާތު ޑަބްލިޔުއެޗްއޯން ދިރާސާ ކުރަމުންދާ ކަން ޔުނިސެފުން ހާމަ ކުރިއެވެ. އަދި, ސެޕްޓެންބަރު މަހުގެ މެދެއްހާ ހިސާބުގައި އެ ދެ ވެކްސިނަށް ލައިސަންސް ދޫކުރުމާ މެދު ޑަބްލިޔުއެޗްއޯން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. 2023 ޖަނަވަރީގައި ކޮންގޯގައި އެމްޕޮކްސް ބަލި ފެތުރެން ފެށި ފަހުން 27,000 މީހަކަށް ބަލި ޖެހިފައިވާއިރު, އޭގެ ތެރެއިން 1,100 މީހުން ވަނީ މަރުވެފައެވެ. މިއީ, އެއް ޖިއްސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ޢާންމުކޮށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް, ކޮންގޯގައި މި ވަގުތު ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ