މާލެ: 31°C

ކުރީ ސަރުކާރުގެ ރެސިޑެންސީ ޕްރޮގަރާމަށް މިހާރު ސަރުކާރުގެ ވެރިން އޭރު ދެކޮޅު، ސަބަބެއްކަމަށް ވިދާޅުވަނީ ތަފްސީލް ނުލިބުން

ކުރީ ސަރުކާރުގެ ރެސިޑެންސީ ޕްރޮގަރާމަށް މިހާރު ސަރުކާރުގެ ވެރިން އޭރު ދެކޮޅު، ސަބަބެއްކަމަށް ވިދާޅުވަނީ ތަފްސީލް ނުލިބުން
September 2, 2024
2 ފަހަރު ބަލާފައި
ކުރީ ސަރުކާރުގެ ރެސިޑެންސީ ޕްރޮގަރާމަށް މިހާރު ސަރުކާރުގެ ވެރިން އޭރު ދެކޮޅު، ސަބަބެއްކަމަށް ވިދާޅުވަނީ ތަފްސީލް ނުލިބުން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އިންވެސްޓަރުންނަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ދިނުމަށް ކުރިއަށް ގެންދަން އުޅުނު ޕްރޮގުރާމާ ދެކޮޅު ހެދީ އޮނިގަނޑަށް ގެނަސްފައި އޮތް ބަދަލުތައް ކަމުނުދާތީ ކަމަށް އިގްތިސޯދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. އިންވެސްޓަރުންނަށް ކޯޕަރޭޓް ރެސިޑެންޓް ވިސާ ދިނުމާއި ގުޅޭގޮތުން ކުރީ ސަރުކާރުގައި މަޝްވަރާ ކުރި އެވެ. އެހެންނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީޕީއެމް ޕީއެންސިގެ މެމްބަރުން އޭރު ގެންދެވީ މިކަމާއި ދެކޮޅު ހައްދަވަމުންނެވެ. 19 ވަނަ މަޖިލީހުގައިވެސް އިންނެވި ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޭން އެންމެ ފުރަތަމަ މަޝްވަރާ ކުރީ ރައީސް ޞާލިހުގެ ސަރުކާރުގައި ނޫން ކަމަށެވެ. 2014 ނޫނީ 2015 ވަނަ އަހަރު އެންމެ ފުރަތަމަ މިކަމުގެ މަޝްވަރާ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭރު ހެދި އޮނިގަނޑުގައި ވިސާ ދޭން ނިންމީ އެއް މިލިއަން ޑޮލަރަށްވުރެއް އިތުރަށް ބޭންކުގައި ފައިސާ ބަހައްޓާ އިންވެސްޓަރުންނަށެވެ. އަދި ހަތަރެއް ނުވަތަ ފަސް އެމެރިކާ ޑޮލަރަށްވުރެއް އިތުރަށް އިންވެސްޓު ކުރާ އިންވެސްޓަރުން މިޕްރޮގުރާމުގެ ތެރޭގައި ބައިވެރިވެވޭގޮތަށް އޭރު ކަނޑައެޅި އެވެ. ސައީދު ވިދާޅުވީ މިއަދަދު ކުޑަކުރުމާއިއެކު މިކަމާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އޭރުގެ ސަރުކާރުން ދީފައި ނުވާ ކަަމަށެވެ. އެ ޕްރޮގުރާމާއި ދެކޮޅު ހެއްދެވީ އެހެންވެގެން ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ. މި އަދަދު ދެން އިތުރު ކުރާނީ ކިހާ ވަރަކަށްކަމެއް ސައީދު ހާމައެއް ނުކުރައްވަ އެވެ. ވަޒީރު ވިދާޅުވީ މިހާރު ދުނިޔޭގައި މިކަން ކުރާ އެންމެ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ސްވިޓްޒަލޭންޑް އަދި ސްޕެއިން ފަދަ ގައުމުތަކުގައި އިންވެސްޓަރ ރެސިޑެންސް ހިންގާ ބަޔަކާއިއެކު މިކަން ކުރަން ނިންމީ ޕްރޮގުރާމް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. މިޕްރޮގުރާމާއިއެކު ރާއްޖެއަށް މި އަންނަނީ ރިއަލް އެސްޓޭޓް ޓުއަރިޒަމްގެ އިތުރު ފިޔަވައްސެއްކަމަށް ވަޒީރު ވިދާޅުވި އެވެ. މިޕްރޮގުރާމާއި ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ވިދާޅުވީ މި ޕްރޮގުރާމުގެ މައިގަނޑު ބޭނުމަކީ އިގްތިސޯދު ސިންދަފާތު ކުރުމަށް ފުރުސަތު ދިނުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ