މާލެ: 31°C

މިސްޓަ މޯލްޑިވްސްގެ ދެކިޑްނީ ފެއިލްވެގެން އެހީއަށް އެދިއްޖެ

މިސްޓަ މޯލްޑިވްސްގެ ދެކިޑްނީ ފެއިލްވެގެން އެހީއަށް އެދިއްޖެ
September 1, 2024
2 ފަހަރު ބަލާފައި
މިސްޓަ މޯލްޑިވްސްގެ ދެކިޑްނީ ފެއިލްވެގެން އެހީއަށް އެދިއްޖެ

ރާއްޖެއާއި ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް ފަހުރުވެރި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ދިވެހި ބޮޑީބިލްޑަރު މުހައްމަދު ޔާމީން (ޔާންބެ)ގެ ދެ ކިޑްނީ ފެއިލްވެ ފަރުވާ ހޯދުމަށް އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.

ޔާމީން އަކީ އެންމެ ފަހުން ބޭއްވި ބޮޑީބިލްޑިން މުބާރާތުގެ މިސްޓަ މޯލްޑިވްސް އެވެ. އޭނާ ވަނީ މި މުބާރާތް ހަތަރު އަހަރު ކާމިޔާބު ކޮށްފަ އެވެ. ޔާމީން ފިޔަވާ އެހެން މީހަކަށް ހަތަރު އަހަރު މިސްޓަ މޯލްޑިވްސް ހޯދިފައެއް ނުވެ އެވެ. ޔާމީން ވަނީ މިދިޔަ އަހަރު ބޭއްވި އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 85 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދާފަ އެވެ. އަދި މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރު ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގައި ސުޕަ 90 ކިލޯގެ ކެޓަގަރީގެ ފައިނަލުގައި ވާދަކޮށް ލޯ މެޑަލް ވެސް އޭނާ ހޯދި އެވެ. ޔާމީން މިއަދު މީޑިއާގައި ބުނީ އޭނާގެ ދެ ކިޑްނީ ފެއިލްވެފައިވާ ކަން އެނގުނީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށާއި ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށެވެ. ޔާމީން ބުނީ މިފަދަ ސިއްހީ ބޮޑު މައްސަލައެއް އުޅޭކަން ކުރިން އެއްގޮތަކަށްވެސް އެނގިފައި ނުވާ ކަމަށެވެ. ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ މިކަމާ ގުޅޭ ޓެސްޓްތައް ހަދައި ގިނަ ޑޮކްޓަރުންނަށް ދައްކާ ޔަގީންކުރުމުން ކަމަށްވެސް ބުންޏެވެ. ޔާމީންގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް އޭނާގެ އުފަން ރަށް -- ށ. ފުނަދޫ ބަޔަކު އިސްވެ ދަނީ ކުރަމުންނެވެ. އެހެންވެ އޭނާވެސް ވަނީ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ