މާލެ: 31°C

ރާއްޖޭގައި ކޮންޑިއުޓު ހޮޅި އުފައްދަން ފަށައިފި

ރާއްޖޭގައި ކޮންޑިއުޓު ހޮޅި އުފައްދަން ފަށައިފި
August 30, 2024
2 ފަހަރު ބަލާފައި
ރާއްޖޭގައި ކޮންޑިއުޓު ހޮޅި އުފައްދަން ފަށައިފި
މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކަރަންޓް ވަޔަރު ކުރުމަށް ބޭނުންވާ ކޮންޑިއުޓް ހޮޅި އަލަށް ރާއްޖޭގައި އުފައްދައި ބާޒާރަށް ނެރެފި އެވެ. އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންޑިއުޓް ހޮޅި ބާޒާރަށް ނެރެދެއްވީ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދެވެ. އެ ރަސްމިއްޔާތުގައި ލޯކަލް ގަވަމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިސްވެރިން އަދި އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ. އެމްޑަބްލިއުއެސްސީން ގުޅީފަޅުގައި 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާއިން ހަތަރު ސައިޒެއްގެ، ފެންވަރު ރަނގަޅު، ކޮންޑިއުޓް ހޮޅި އުފައްދައި ބާޒާރަށް ވަނީ ނެރެފަ އެވެ. އެގޮތުން ކަރަންޓް ވަޔަރިންގެ އެކި މަސައްކަތްތަކުގެ ބޭނުމަށް އުފައްދާ ތަފާތު ހަތަރު ސައިޒުގެ ތެރޭގައި؛ 16 މިލިމީޓަރާއި 20 މިލިމީޓަރާއި 25 މިލިމީޓަރާއި 32 މިލިމީޓަރުގެ އިތުރުން 40 މިލިމީޓަރުގެ އެކި ކުލައިގެ ކޮންޑިއުޓް ހޮޅި ހިމެނެ އެވެ. އެމްޑަބްލިއުއެސްސީގެ ހޮޅި އުފައްދާ ކާރުޙާނާއަކީ އައިއެސްއޯ 9001 އަށް ސެޓިފައި ކުރެވިފައިވާ ކާރުހާނާއެކެވެ. ރާއްޖޭގައި ކޮންޑިއުޓް ހޮޅި އުފައްދައި ބަޒާރަށް ނެރެ ވިއްކަން ފެށުމުން، ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކޮންސްޓްރަކްޝަން ކުންފުނިތަކާއި ހާޑްވެއަ ފިހާރަތަކަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެން ދާނެ އެވެ. އެގޮތުން، ރާއްޖޭން ބޭރުން ހޮޅި ގެނައުމުގައި ލަސްވާ ލަސްވުން ފަދަ ކަންކަމުން ދިމާވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެ އަދި ރާއްޖޭގެ އިގުތިސޯދަށް އޭގެ ހެޔޮ އަސަރު ކުރާނެ އެވެ. އެމްޑަބްލިއުއެސްސީން ބުނީ އަމާޒަކީ ލިބިފައިވާ ތަޖުރިބާގެ އަލީގައި އެ ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ