އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް އަނިޔާވެރި ގޮތަކަށް މަރާލުމާ ގުޅިގެން ކުރާ މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް

އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް އަނިޔާވެރި ގޮތަކަށް މަރާލުމާ ގުޅިގެން ކުރާ މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް
ލިޔުން:
އިންޑިޔާގެ އިރުމަތީ ކަލްކަތާގައި އަންހެން ޑޮކްޓަރެއް ރޭޕުކޮށް މަރައިލުމުން އެ ޤައުމުގެ ހަސްފަތާލުތަކާއި ކުލިނިކުތަކުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން އިސްވެ ފެށި މުޒާހަރާތައް ހޫނުވެ, ހަމަނުޖެހުންގަނޑަކަށް ބަދަލުވެއްޖެއެވެ. މުޒާހަރާތައް އެންމެ ހޫނުވެފައި ވަނީ ކަލްކަތާ އޮންނަ ހުޅަނގު ބަންގާލް ސްޓޭޓްގެ ރަށްތަކުގައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރޭލާއި ބަހުގެ ޚިދުމަތަށް ހުރަސް އަޅާފައެވެ. އަދި, ފިހާރަތަކާއި ވިޔަފާރިތައް ހުއްޓުވައިފައެވެ.
އެ ސްޓޭޓްގެ މައި އިދިކޮޅު ޕާޓީ، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބަހަރްތިޔަ ޖަންތާ ޕާޓީ (ބީޖޭޕީ)ން، ވެސް ދަނީ މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ. މުޒާހަރާތައް ހޫނުވެ, މުޒާހަރާ ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރަން ފަށާފައި ވަނީ, ހުޅަނގު ބަންގާލް ސްޓޭޓްގެ ސަރުކާރުގެ މައި އިދާރާ ކައިރިއަށް މުޒާހަރާގެ ބައިވެރިން ދަތުރު ފެށުމާ ގުޅިގެންނެވެ. އެ މީހުން ހުއްޓުވަން ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށް ފެން ޖަހާފައެވެ.
މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން, ބީޖޭޕީން ވަނީ އެ ކަން ކުށްވެރި ކޮށްފައެވެ. އަދި, މުޅި ސްޓޭޓްގައި 12 ގަޑިއިރަށް ދެމިގެންދާނެ ބޮޑު މުޒާހަރާއެއް ރޭވުމުގެ މަސައްކަތް ފަށާފައެވެ. އެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި މުޒާހަރާތައް ރޫޅައިލުމުގައި ފުލުހުން ވަނީ އަނިޔާވެރިކަން އިސްކޮށްފައެވެ.
ހުޅަނގު ބަންގާލް ސްޓޭޓްގެ ފުލުހުން ބުނީ, މުޒާހަރާތައް ހުއްޓުވަން 5,000އަށްވުރެ ގިނަ ފުލުހުން މަގުތަކުގައި ޙަރަކާތްތެރިވަމުންދާ ކަމުގައެވެ. ބީޖޭޕީގެ މެންބަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ މައްޗަށް އެކުލެވިގެންވާ މުޒާހަރާގެ ބައިވެރިން މިހާރު ދަނީ ހުޅަނގު ބަންގާލް ސްޓޭޓްގެ ޗީފް މިނިސްޓަރު މަމްތާ ބެނަރްޖީގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ. މުޒާހަރާގެ ބައިވެރިންގެ ޢަދަދު މިހާރު އެތަކެއް ހާހަށް އަރާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
އިންޑިޔާގެ އެކި ކަންކޮޅުތަކުގައިވާ ހަސްފަތާލުތަކާއި ކުލިނިކުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުން މުޒާހަރާތަކަށް ނިކުތީ ކަލްކަތާގެ މެޑިކަލް ކޮލެޖެއްގައި ޓްރެއިނީއެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަމުން ދިޔަ 31 އަހަރުގެ އަންހެން ޑޮކްޓަރެއް ރޭޕުކޮށް މަރައިލި ހާދިސާއާ ގުޅިގެންނެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އޮގަސްޓު 9ވަނަ ދުވަހުއެވެ. އޭނާގެ މަރުގެ ތުހުމަތުގައި ފުލުހުންގެ އިދާރާގައި ވޮލަންޓިޔަރެއްގެ ގޮތުގައި މަަސައްކަތް ކުރާ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ޑޮކްޓަރުގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހަރާ އަދި އިހުތިޖާޖުގެ ބައިވެރިން ގޮވައިލަމުން ދަނީ އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ކުށްތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. އަދި, ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށެވެ.
އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ބުނީ, ކަލްކަތާގެ އާރްޖީ ކާރް މެޑިކަލް ކޮލެޖުގެ ޑޮކްޓަރު ރޭޕުކޮށް މަރައިލުމުގެ ހާދިސާއާ އެކު އިންޑިޔާގައި އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު ސާފުކޮށް ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. އަދި, 2012ވަނަ އަހަރު ވެރިރަށް ނިއު ދެއްލީގެ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެން ދަރިވަރަކު ރޭޕުކޮށް މަރައިލި ހާދިސާއާ ގުޅިގެން ޖިނާޢީ އަދުލުގެ ނިޒާމަށް ގެނެސްފައިވާ އިސްލާހުތަކާ އެކު ވެސް އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެވިފައި ނުވާ ކަމުގައެވެ.
ކަލްކަތާގެ އާރްޖީ ކާރް މެޑިކަލް ކޮލެޖުގެ ޓްރެއިނީ ޑޮކްޓަރުގެ މަރާ ގުޅިގެން އިންޑިޔާގެ މައި ތަޙުޤީޤީ އިދާރާ, ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ން ވަނީ ތަޙުޤީޤު ފަށާފައެވެ. އަދި, އެ ތަޙުޤީޤުގެ ދަށުން އެ ކޮލެޖުގައި ތަޢުލީމު ހާސިލު ކުރަމުންދާ ގިނަ ޢަދަދެއްގެ ދަރިވަރުންނާ ސުވާލު ކޮށްފައިވާ ކަމުގައި ކަލްކަތާގެ ފުލުހުން ހާމަ ކުރިއެވެ. ސީބީއައިން ސުވާލު ކޮށްފައިވާ މީހުންގެ ތެރޭގައި އެ ކޮލެޖުގެ ޕްރިންސިޕަލް ވެސް ހިމެނެއެވެ.
2012ވަނަ އަހަރު ވެރިރަށް ނިއު ދެއްލީގައި އަންހެން ދަރިވަރެއް ރޭޕުކޮށް މަރައިލުމާ ގުޅިގެން އިންޑިޔާގެ ޖިނާޢީ އަދުލުގެ ނިޒާމު މުރާޖަޢާކޮށް, އަންހެނުންނާ މެދު އަނިޔާވެރި ކުށްތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އިސްލާހުތަކެއް ގެނެސްފައިވެއެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އެ ބަދަލުތަކާ އެކު ވެސް, އަންހެނުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
