ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތައްކައިރީގައި އިސްރާއީލާ ދެކޮޅަށް އަޑުުއުފުލަމުންދިޔަ ދެ އަންހެނުން ހައްޔަރުކުރީ ސަފީރުންނަށް އުނދަގޫވާގޮތަށް އެމީހުން ޢަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އެމްބަސީތައް ކައިރީގައި އަޑުއުފުލަމުންދަނިކޮށް ހައްޔަރުކޮށްފައިވަނީ، ކ.މާލެ ބަޑިކުޅިމާގެ، ޢާއިޝަތު ޝާދިޔާ (47އ) އާއި ގދ. ރަތަފަންދޫ، ލިލީގެ، ޑރ، ޝަޛުރާ އިބްރާހީމް (36އ)އެވެ. އެމީހުން ހައްޔަރުކުރީ މިއަދު މެންދުރުފަހު 01:00 ހާއިރުއެވެ. ފުލުހުން ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނާ ޚިލާފަށް، ޑިޕްލޮމެޓިލް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން އަޅޭއްލެވުމާއި، ބޭއަދަބީ ބަހުން މުއާމަލާތްކޮށް، ޑިޕްލޮމެޓިލް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭގޮތަށް ޢަމަލުކުރިކުރުމުގެ އިތުރުން، ވަކި ސަފީރަކަށް އުނދަގޫކުރުމުގެ ޢަމަލުތަކެއް ހިންގަމުންދިޔުމާއި ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިއުމަށް ތަކުރާރުކޮށް ނަސޭހަތް ދީފައިވާނެ ކަމަށެވެ.
ނަމަވެސް އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި އެމީހުން ހައްޔަރުކުރީ ކޯޓު ޢަމުރެއްގެ ދަށުންކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޢަމަލުތަކާ ގުޅިގެން ޢާއިޝަތު ޝާދިޔާއާއި ޝަޛުރާ އިބްރާހީމަށް އެގޮތަށް ޢަމަލު ނުކުރުމަށް އެކިފަހަރުމަތިން ނަސޭހަތްތެރިވެފައި ވާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގުގެ ބޭނުންކުރުމުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް ފުލުހުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.







