އދ. ދިއްދޫ ކައުންސިލްގެ ބޭންކް ސްޓޭޓްމަންޓް ފޯޖުކޮށްގެން އޮޑިޓް އޮފީހަށް ދޮގު މައުލޫމާތު ދީފައިވާ މަައްސަލައެއް އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލި އެކައުންސިލްގެ އޮޑިޓު ރިޕޯޓުން ފެންމަތިކޮށްފި އެވެ.
މި ރިޕޯޓު ތައްޔާރު ކުރުމުގައި އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތަކީ ކައުންސިލްގެ އިދާރާގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ އެ އަހަރަށް ކައުންސިލުން ފާސްކުރިބަޖެޓާއި އެއްގޮތަށް މާލިއްޔަތު ގާނޫނުގެ ތެރެއިންތޯ ބެލުމެވެ. ރިޕޯޓުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފެންމަތިކޮށްފައި ވަނީ ދިއްދޫ ކައުންސިލްގެބޭންކު ސްޓޭޓްމަންޓު ފޯޖުކޮށްގެން އޮޑިޓު އޮފީހަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނާ މައްސަލައެކެވެ.
އޮޑިޓު ރިޕޯޓުގައި ވަނީ ރަށު ކައުންސިލްގެ އައިޓީ އެންޑް ފައިނޭންޝިއަލް ކޮންސަލްޓެންޓުގެ މަގާމުގައި ހުރި މުވައްޒަފުން ވަނީ ކައުންސިލްގެ ބޭންކުސްޓޭޓްމަންޓު ބަދަލުކޮށް އޮޑިޓަރުންނަށް އޮޅުވާލުމަށް މަސައްކަތްކޮށްފައި ކަމަށެވެ. ތަފްސީލު ހިމަނައި ރިޕޯޓުގައި ވަނީ ކައުންސިލްގެ ތިޖޫރީގައި 2023،އޮގަސްޓު 3 ގައި ހުރި ފައިސާގެ ތެރެއިން 5،500 ރުފިޔާ އައިޓީ އެންޑް ފައިނޭންޝިއަލް ކޮންސަލްޓަންޓަށް ހަވާލުކޮށް އެ ފައިސާ ކައުންސިލްގެ ބޭންކުއެކައުންޓަށް ޖަމާކޮށްފައި ނުވާކަން ސްޓޭޓްމަންޓުން އެނގޭ ކަމަށެވެ.
މައްސަލައިގައި ސުވާލު ކުރުމުން މިދިޔަ އަހަރުގެ ޖުލައި މަހު އަމިއްލަ ފަރާތަކުން ކައުންސިލްގެ ބޭންކު އެކައުންޓަށް ޖަމާކުރި 25،000 ރުފިޔާގެ ތެރޭގައި އެފައިސާ ހިމެނޭނެކަމަށް އޭނާ އޮޑިޓަށް ބުންޏެވެ.އަދި ދެން ޖަމާކުރި ފައިސާއަކީ ކައުންސިލަށް ކުލީގެ ގޮތުގައި ލިބުނު 19،500 ރުފިޔާކަމަށް އޭނާބުނިކަމަށް ރިޕޯޓުގައި ވެއެވެ.
މި ފައިސާއަކީ އޮޑިޓަރުން އިތުރަށް ބެލިބެލުމުން އެއީ ކައުންސިލަށް ލިބުނު އެހީއެއްކަން ފާހަގަކުރެވުނުކަމަށް ރިޕޯޓުގައި ވެއެވެ. އަނެއްކާވެސް ސުވާލުކުރުމުން ފަހުން ބުނީ އެއީ އޮޅިގެން އަމިއްލަ އެކައުންޓަށް ޖަމާކުރެވުނު ފައިސާއެއްކަމަށެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮޑިޓަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި އެ ފައިސާ ރައްދުކޮށްދޭނެކަމަށް ބުނެފަ އެވެ.
ފައިސާ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ބުނެ އަނެއްކާވެސް އޭގެ ތިން ދުވަސް ފަހުން އޭނާ ސްޓޭޓްމަންޓެއް ހުށަހެޅިކަމަށާއި އެ ސްޓޭޓްމަންޓުގައި، އެންމެފުރަތަމަ ކައުންސިލުން ހުށަހެޅި ސްޓޭޓްމަންޓުގައި ނެތް، އިތުރު 25،000 ރުފިޔާ މިދިޔަ އަހަރުގެ ޖުލައި 19 ގައި ޖަމާވެފައި ހުރި ކަމަށް އޮޑިޓަށް ފާހަގަވިއެވެ. އޮޑިޓު ރިޕޯޓުގައި ވަނީ މި ގޮތަށް ފާހަގަކުރެވުމުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 27 ނޮވެމްބަރު 2023 ގައި އޮޑިޓު އޮފީހުން ހޯދި އެ އިދާރާގެބޭންކް ސްޓޭޓްމަންޓުގައި މި ފައިސާ ހިމެނިފައި ނުވާކަން ފާހަގަކުރެވުނެ ކަމަށެވެ. އެހެންކަމުން އެ ފަރާތުން އޮޑިޓަށް ހުށަހެޅި ބޭންކް ސްޓޭޓްމަންޓަކީއޮޅުވާލުމުގެ ގޮތުން އަމިއްލައަށްް ފޯޖުކޮށް އޮޑިޓަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓެއްކަމަށް ވަނީ ބުނެފަ އެވެ.
މިއީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއްކަމަށް ވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް ދިއްދޫ ކައުންސިލަށް އޮޑިޓު އޮފީހުން ވަނީލަފާދީފަ އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައި ވަނީ ދިއްދޫ ކައުންސިލްގެ އިދާރާއިން 2022 ވަނަ އަހަރު މުދަލާއި ހިދުމަތް ހޯދުމުގައި ދައުލަތުގެމާލިއްޔަތުގެ ގަވައިދާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށެވެ. އަދި އޮޑިޓުގައި ފާހަގަކުރެވުނު ކަންކަން ހިމެނި ރިޕޯޓުގައި ވަނީ ދިއްދޫ ކައުންސިލްގެ އިދާރާއިން2022 ވަނަ އަހަރު ގަނެފައިވާ ބައެއް ތަކެއްޗާއި ހޯދާފައިވާ ބައެއް ހިދުމަތް އަދި އެ އިދާރާއާއި ހަމައަށް ލިބުނުކަން ލިޔެކިއުމުން ބަލަހައްޓާފައި ނެތްކަމަށެވެ. އެގޮތުން އެތަކެއްޗާއި ހިދުމަތް ލިބުނުކަން ލިޔެކިއުމުން އެނގެން ނެތި 52،244 ރުފިޔާ ހަރަދު ކުރިކަން ފާހަގަކުރެވުނުކަމަށް ރިޕޯޓުގައި ވެއެވެ.
މި އޮޑިޓު ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ “ޝޮޕިން” އުސޫލުން ތަކެއްޗާއި ހިދުމަތް ހޯދުމުގައި ތިން ތަނަކުން ކޯޓޭޝަން ހޯދާފައި ނުވާކަމަށެވެ. އެގޮތުންދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ދިއްދޫ ކައުންސިލްގެ އިދާރާއިން ޕްރޮކިއުމަންޓު އަގު 2000 ރުފިޔާއާއި 35،000 ރުފިޔާ ދެމެދުގެ ބައެއް ހިދުމަތާއިތަކެތި ގަނެފައިވަނީ މި ގަވައިދާއި އެއްގޮތަށް 3 ފަރާތުން ކޯޓޭޝަން ނުހޯދައިކަމަށް ރިޕޯޓުގައި ވެއެވެ.
ބިޑު ކޮމިޓީ އުފެއްދުމާއި އަދި ބީލަމަށް ހުޅުވުމާއި ބިޑު އިވެލުއޭޓު ކުރުމުގައި ފާހަގަކުރެވުނު ކަންތަކުގެ ގޮތުގައި އޮޑިޓު ރިޕޯޓުގައި ވަނީ ދައުލަތުގެ އޮފީސްތަކުގައިބިޑު ކޮމިޓީ އުފައްދައި މެމްބަރުން އައްޔަނު ކުރަންވާނީ އެ އޮފީހުގެ އެންމެ އިސް ވެރިއާގެ ލަފާގެ މަތީން އޮނަހިރި އަދަދެއް ހިމަނައިގެން ނަމަވެސް އެފަދަކޮމިޓީއެއް އުފައްދާފައި ނެތްކަމަށެވެ. އެގޮތަށް ކައުންސިލުން އަމަލުކޮށްފައި ވަނީ ގަވައިދުގައި ބުނާ އަދަދަށް އިދާރާގައި މުވައްޒަފުން ތިބެކަމަށް ރިޕޯޓުގައިވެއެވެ.
މީގެއިތުރުން ރިޕޯޓުގައި ވަނީ ދިއްދޫ ކައުންސިލް އިދާރާއަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ހަވާލު ކުރެވުނު ފަރާތަށް ގަވައިދާ ހިލާފަށް އެޑްވާންސްގެ ގޮތުގައިފައިސާ ދޫކޮށްފައިވާކަމަށެވެ. އެގޮތުން ތަކެތި ފޯރުކޮށްދިނުމަށް އެއްބަސްވީ 130،539 ރުފިޔާގެ މުއާމަލާތްތައް އެޑްވާންސްގެ ފައިސާގެ ގޮތުގައި ޖުމްލަ75،000 ރުފިޔާ ދޫކުރިއިރު މީގެތެރެއިން ބަޔާން ކުރާ 15 އިންސައްތައިގެ އިތުރަށް 55،149 ދޫކުރީ މިނިސްޓަރުގެ ހުއްދަ ނުހޯދައިކަން ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ.







