ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ކުރެވޭ ތުހުމަތުތަކެއް ހުރުމުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ފިޔަވަޅު އަޅަންޖެހޭ ފަރާތެއް ހުރިތޯ ބަލައ، ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިމަހުގެ 26 ވަނަ ދުވަހު ފުލުހުން އާންމުކޮށްފައިވާ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި ހޯދަން ޖެހޭ އެންމެހާ މައުލޫމާތު އެއްކުރުމާއި ބަލަންޖެހޭ އެންމެހާ ކަންކަން ތަފްސީލްކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްތަކުން އެމެރިކާ ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައި، އެކަން އިއުލާން ކުރި ވަގުތާ ދިމާކޮށް އެކިއެކި ފަރާތްތަކުން ކޮށްފައިވާ ކަންކަމަކީ ސަރުކާރު ބަދަލުކޮށްލުމަށް ކުރި ކަންތައްތަކެއް ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި ކަމަށް ބުނެ މިމަހު 26 ވަނަ ދުވަހު ނޫސް ބަޔާނެއް އާންމުކޮށްފަ އެވެ. ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްތަކުން އެމެރިކާ ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައި އަދި ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށް ބީއެމްއެލް އިން އެކަން 25 ވަނަ ދުވަހުގެ ހެނދުނު އިއުލާން ކުރީ ވަރަށް ކުއްލި ގޮތަކަށެވެ. ނަމަވެސް އާންމު ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުންތަކާ ގުޅިގެން އަދި ސަރުކާރުގެ ފިއްތުއްތަކާ އެކު ބީއެމްއެލްގެ އެ ނިންމުން ވަނީ އެ ދުވަހުގެ މެންދުރުފަހު ބާތިލްކޮށް ކުރިންވެސް އަމަލުކުރަމުން ދިޔަ އުސޫލުން އަމަލުކުރަން ފަށާފަ އެވެ.







