މާލެ: 31°C

ބީއެމްއެލްގެ ބޯޑުގައި ސަރުކާރުގެ ކޮންޓްރޯލް އޮތްއިރު، ސަރުކާރަށް ނޭނގި އެހާބޮޑު ނިންމުމެއް ނިންމީ ކީއްވެ: ފައްޔާޒު

ބީއެމްއެލްގެ ބޯޑުގައި ސަރުކާރުގެ ކޮންޓްރޯލް އޮތްއިރު، ސަރުކާރަށް ނޭނގި އެހާބޮޑު ނިންމުމެއް ނިންމީ ކީއްވެ: ފައްޔާޒު
August 26, 2024
2 ފަހަރު ބަލާފައި
ބީއެމްއެލްގެ ބޯޑުގައި ސަރުކާރުގެ ކޮންޓްރޯލް އޮތްއިރު، ސަރުކާރަށް ނޭނގި އެހާބޮޑު ނިންމުމެއް ނިންމީ ކީއްވެ: ފައްޔާޒު
ޑޮލަރުގެ މުއާމަލތާ ގުޅުވާ ބޭންކް އޮފް މޯލްޑިވްސްއިން ފުރަތަމަ އަމަލުކޮށްފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމާ ޚިލާފަށް ކަމަށް ސަރުކާރުން ހާމަކުރުމުން އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާއިލް އެކަމަް ފާޑުވިދާޅުވެއްޖެއެވެ. އެގޮތުން ދިވެހި ރުފިޔާ އެކައުންޓްތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭގޮތަށް ބެންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެނގިވަޑައިނުގެން ނިންމި ނިންމުމެއްކަމަށް ބުނެފައިވާއިރު އެކަން ވާނެ ގޮތެއް ނޫން ކަމަށް ފައްޔާޒުވަނި ވިދާޅުވެފައެވެ.  ބީއެމްއެލް އިން އާދިއްތަ ދުވަހު ނިންމި ނިންމުމާއިއެކު އާންމުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވަނިކޮށް ވަނީ އެމްއެމްއޭގެ ލަފާގެމަތިންކަމަށް ބުނެ ބީއެމްއެލްއިން އެ ނިންމުން ބަދަލު ކޮށް މި މައްސަލައިގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަވަމުން އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވަނީ ބެންކުން އެހެން ނިންމީ ރައީސްގެ އިރުޝާދާއި ޚިލާފަށް ކަމަށާއި އެ ނިންމުން ބަދަލުކުރުވީ ރައީސްގެ އެންގެވުމަކަށް ކަމަށް ހާމަކުރައްވާފައެވެ. ސަރުކާރުން މިހެން ބުނެފައިވަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ފައްޔާޒުވަނީ އެވަރުގެ ނިންމުމެއް ނޭނގި ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. ޚާއްޞަކޮށް ބެންކުން އެހެން ނުނިންމަނީސް ރޭ ވެސް އެ ވާހަކަތައް ފެތުރުނު ކަމަށާއި އެހެންކަމުން ފިނޭންސް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ އެކަމަށް ހައްލު ހޯއްދެވުމަށް ރޭ ނޫޅުއްވީ ކީއްވެތޯ ވެސް ފައްޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ. ފައްޔާޒު ވިދާޅުވީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ގިނައީ ސަރުކާރުގެ ބޭފުޅުންކަމަށެވެ. އަދި ސަރުކާރުން ބޭނުންވާގޮތަށް އެ ބޭފުޅުން ކަންކަން ނިންމައިދޭނެކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ މިހާރު ފެނިގެންދަނީ ނިންމާ ނިންމުންތަކާމެދު ރައްޔިތުން ހިތްހަމަ ނުޖެހިގެން ކެކި އަރައިގަތުމުން ތެޅިގެނެގެން އެ ނިންމުން ބަދަލުކުރާ މަންޒަރު ކަމަށެވެ. އަދި މި ސަރުކާރުން އަބަދު ވެސް ކަންކުރާތަން ފެންނަނީ އެހެން ކަމަށާއި ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ތާއީދު އޮތް ބޭފުޅުން ބިއެމްއެލްގެ ބޯޑުގައި ތިއްބެވިއިރު އެ ފަދަ ނިންމުމެއް ނިންމާނީ ކިހިނެއްކަމާ މެދު ފައްޔާޒު ސުވާލު އުފައްދަވާފައިވާއިރު، ސަރުކާރު ޕްރޮމޯޓުކުރާ ފަރާތްތަކުން ބުނެފައިވަނީ ބީއެމްއެލްގެ އެ ނިންމުމަކީ އެ ބޯޑުގައި ތިބި އެމްޑީޕީގެ މެޖޯރިޓީ ބޭފުޅުންގެ ބޭނުން ހިފައިގެން އެމްޑީޕީއިން ގެންނަން އުޅުނު ބަޣާވާތެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ