މާލެ: 31°C

ނާއިބް ރައީސްގެ ނުސީދާ ނަސޭހަތެއް ޔާމީނަށް: ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރޭ!

ނާއިބް ރައީސްގެ ނުސީދާ ނަސޭހަތެއް ޔާމީނަށް: ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރޭ!
August 25, 2024
2 ފަހަރު ބަލާފައި
ނާއިބް ރައީސްގެ ނުސީދާ ނަސޭހަތެއް ޔާމީނަށް: ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރޭ!

ދައުލަތުގެ އިސް މަޤާމުތައް ފުރުއްވާފައި ތިއްބަވާ ބޭފުޅުންނަކީ ރައްޔިތުން ނިންމާފައިވާ ވަކި މުއްދަތަކަށް މަސްޢޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންކަމަށާއި، އެ މުއްދަތު ހަމަވުމުން އެކަމަށް އިޙްތިރާމް އަދާނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުޑަކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެންމެ ފުރަތަމަ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއްކަމަށާއި، އެއީ ދުނިޔޭގެ އާދަކަމަށެވެ. އެ ލިބުނު ވަގުތަށް އިޙްތިރާމުކޮށް ޝުކުރުވެރިވުމުން ލިބޭ ޤަދަރާއި، އުފާވެރިކަން މާ ރަނގަޅުވާނެކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ، އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްޤެއްކަމަށް ނުދެކުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އެއަށްފަހު އެމަނިކުފާނު ފަހުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ މެސެޖަކީ ކުރިން ވެރިކަންކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އިސް މަޤާމުތައް ފުރުއްވި ބޭފުޅުންނަށް ރައްދުކޮށް ދެއްވި މެސެޖެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދައުލަތުގެވެރިންނާއި، އިސް މަޤާމުތައް ފުރުއްވާ ބޭފުޅުންނަކީ ރައްޔިތުން ނިންމާފައިވާ ވަކި މުއްދަތަކަށް މަސްޢޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. އެ މުއްދަތު ހަމަވުމުން އެކަމަށް އިޙްތިރާމު ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުޑަކޮށް، އެ ނިންމުމަށް ގޮންޖެހުން ކަމުގައި ޤަބޫލުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ ބޭފުޅުން ކުރިއަށް އޮތް ތަނުގައިވެސް ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމު ލިބޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދެވާނެކަމަށް އުންމީދުކުރާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ