މާލެ: 31°C

ގޭސް މާނުގެ ޝަރީއަތް ފަށައިފި

ގޭސް މާނުގެ ޝަރީއަތް ފަށައިފި
August 22, 2024
2 ފަހަރު ބަލާފައި
ގޭސް މާނުގެ ޝަރީއަތް ފަށައިފި

ވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ފަށައިފި އެވެ.

ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ފުރަތަމަ އަޑުއެހުން ބޭއްވި ނަމަވެސް ދައުވާތަކާ ގުޅޭ ބައެއް ލިޔެކިޔުންތައް ހަމަކޮށްފައި ނުވާތީ ދައުވާ ސާފުކޮށްދިނުމާއި ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. ޝަރީއަތުގެ އަޑުއެހުމުގައި މައުމޫން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވާ އަމުރު މުރާޖައާކުރުމަށްފަހު ދެ ހަފްތާއަށް ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިފަ އެެވެ. ތައިލެންޑްގެ ސްކޫލުން ދަރިވަރުން ދޫކުރާނީ މަންމަ އާއި ބައްޕަ ހާޒިރުވެގެން ކަމަށްވާތީ އެ މަރުހަލާ ފުރިހަމަ ކުރުމަށް ދެ ހަފްތާއަށް ޕާސްޕޯޓް ދޫކޮށްދިނުމަށް އެދޭ ކަމަށްވެސް ވިދާޅުވި އެވެ. ދައުލަތުން ބުނީ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދި މައުމޫންގެ ފަރާތުން ވަރަށް ތަފްސީލްކޮށް ލިޔެ ފޮނުވާފައިވާ ސިޓީއެއް ޕީޖީ އޮފީހަށްވެސް ލިބިފައިވާ ކަމަށާއި ނަމަވެސް މައުމޫން ތައިލެންޑަށް ދާންޖެހޭ ޒަރޫރީ ހާލަތު އަންގައިދޭ އެއްވެސް ލިޔެކިޔުމެއް ސިޓީގައި ހިމަނާފައި ނެތް ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓާފައި ބޭއްވުމަށެވެ. މައުމޫން އިތުރަށް ވިދާޅުވީ އޭނާ މިހާތަނަށްވެސް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކާ ގުޅިގެން އިދާރާތަކަށް ދޭންޖެހޭ އެއްބާރުލުން ދީފައި ކަމަށެވެ. މައުމޫނާއި އަދި ދައުލަތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ޕީޖީ އޮފީހަށް މައުމޫން ފޮނުވި ސިޓީ ކޯޓަށް ހުށަހެޅުމަށް އަންގަވާފަ އެވެ. އަދި މައުމޫން ތައިލެންޑްގައި ހުއްޓާ އޭނާ ހައްޔަރުކޮށްގެން ރެޑް ނޯޓިސް ނެރުމުގެ މަސައްކަތްތަކެއް ކޮށްފައިވާތީ އެކަމުގެ ސާފު މައުލޫމާތުތައް ދައުލަތުން ކޯޓާ ހިއްސާކުރުމަށްވެސް ގާޒީ އެދިވަޑައިގަތެވެ. ގާޒީ އިތުރަށް ވިދާޅުވީ ޕާސްޕޯޓް ދޫކުރުމާ މެދު ގޮތެއް ނިންމަވާނީ ލިޔެކިޔުންތައް ލިބުމުން ދިރާސާކުރުމަށްފަހު ކަމަށެވެ. އަދި މައުމޫނަށް ކުރާ ދައުވާ އިއްވުމާއި ޖަވާބުދާރީވުން ކުރިއަށް ގެންދާނީވެސް ކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް މައުމޫނަށް ދިނުމަށްފަހު ލިޔެކިޔުންތައް ދިރާސާކުރަން ވަގުތުވެސް ދިނުމަށްފަހު ކަމަށް ގާޒީ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ