ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޙުސައިން ޝަމީމް ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަައަށް ޖަވާބުދާރީވުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އޭނާހާޒިރުކުރަން ނިންމައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ޝަމީމް ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދެވެ. މިމައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީން ނިންމާފައިވަނީ ޝަމީމް ޖަވާބުދާރީވުމަށް 5 ދުވަހުގެ މުހުލަތެއް ދިނުމަށެވެ.
ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ވިދާޅުވީ ޕީޖީ ޝަމީމް ޖަވާބުދާރީވުމަށްޤާނޫނުގައި ބަޔާންކުރާ 5 ދުވަހުގެ ނޯޓިސްއެއް ފޮނުވާފައިވާ ކަމަށެވެ. އަދި ނޯޓިސް ފޮނުވި ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތު އަންނަ ބުދަ ދުވަހަށްހަމަވާނެ ކަމަށެވެ. އެހެންކަމުން އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޖުޑީޝަރީ ކޮމިޓީއަށް ޝަމީމް ހާޒިރުކުރުމަށް ނިންމާފައިވާކަމަށް ކޮމިޓީގެ މުގައްރިރުވިދާޅުވިއެވެ.
ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޝަމީމަށް ކުރެވޭ ތުހުމަތުތަކުގެ ތެރެއިން 5 ތުހުމަތަކާގުޅޭ ލިޔެކިޔުންތައް ހޯދުމަށްވެސް ނިންމާފައެވެ.
ޝަމީމަށް ކުރެވޭ ތުހުމަތުތައް
• ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން • މަގާމުގައި ދެމިހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން • ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން • މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުން • ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން • އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ މައްސަލަތަކެއް އަނބުރާ ގެންދިޔުން • ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން • ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޙުސައިން ޝަމީމް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި އެ މަގާމުގެ ދައުރު މިއަހަރުގެޑިސެމްބަރުމަހަށް ހަމަވާނެއެވެ







