މާލެ: 31°C

ޓޫރިޒަމަށް ދޫކުރާ ރަށާއި ބިމުގެ މުއްދަތާ ގުޅޭ އިސްލާހު ފާސްކޮށްފި

ޓޫރިޒަމަށް ދޫކުރާ ރަށާއި ބިމުގެ މުއްދަތާ ގުޅޭ އިސްލާހު ފާސްކޮށްފި
August 15, 2024
2 ފަހަރު ބަލާފައި
ޓޫރިޒަމަށް ދޫކުރާ ރަށާއި ބިމުގެ މުއްދަތާ ގުޅޭ އިސްލާހު ފާސްކޮށްފި
ޓޫރިޒަމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ދަނގެތި ދާއިރާ އަބްދުالله ރަޝީދެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި 75 މެންބަރުގެ ވޯޓާއެކު އެ ބިލް ފާސްކޮށްފައިވާއިރު އެ ބިލާ ގުޅިގެން މުޅި މަޖިލީހުގެ ކޮމިޓީއެއް ބާއްވާފައިވެ އެވެ. އެ ކޮމިޓީގައި ބިލުގައިވާ ގޮތަށް ފާސްކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހެޅި އެވެ. އެ ހުށަހެޅުއްވުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއީދު ކުރެއްވި އެވެ. މުޅި މަޖިލީހުގެ ކޮމިޓީގެ ވޯޓަށް އަހާފައިވާއިރު އެގޮތަށް ފާސްކޮށްފައިވަނީ 76 މެންބަރުންގެ ވޯޓުންނެވެ. އެ ބިލަކީ އެ ގާނޫނުގެ ދަށުން ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލު އިސްލާހުކުރުމަށް ހުށަހެޅި ބިލެކެވެ. އެގޮތުން އެ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ), (ނ) (ކ) ގެ 1 އަދި 2 އިސްލާހު ކުރުމަށް ހުށަހަޅާފައިވެ އެވެ. އޭގެ އިތުރުން (ކ) އަށް 3 ވަނަ ނަންބަރެއް އިތުރުކުރުމަށް ވެސް އެ ބިލުގައިވެ އެވެ. (ށ) އަށް ގެންނަ އިސްލާހަކީ ރިސޯޓު ހަދަން ދޫކުރި ރަށެއް ނުވަތަ ބިމެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިއްޖެނަމަ 50 އަހަރަށް ވުރެ އިތުރު ނުވާނެ ގޮތަކަށް މުއްދަތު އިތުރުކުރުމެވެ. އަދި އެގޮތަށް އިތުރުކުރެވޭނީ އެ މާއްދާގެ (ނ) ގެ މަތިންނެވެ. އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެގޮތަށް އިތުރުކުރެވޭނީ ފީއެއް ނެގުމަށް ފަހު އެވެ. އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއްލައްކަ ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި 6 މަސް ދުވަހުގެ މުއްދަތަށްފަހު ފައިސާ ދައްކާ ހަލާސްކުރުމަށް އެއްބަސްވާނަމަ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރު ދައްކަންވާނެ ކަމަށް ބުނެ އެވެ. އެ މާއްދާގެ (ކ) ގެ 1 އަށް ގެންނަ އިސްލާހަކީ ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް, ޖޫރިމަނާއެއް, ޓެކުހެއް, ފީއެއްވާނަމަ އެ ފައިސާ ދައްކާ ހަލާސްކުރަން ޖެހޭނެ އެވެ. އެ މާއްދާގެ (ކ) ގެ 2 އަށް ގެންނަ އިސްލާހަކީ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 5 މިލިއަން ޑޮލަރު އެއް ފަހަރާ ދައްކާފައިވުމެވެ. އޭގެ އިތުރުން އެ މާއްދާގެ ފަހަތަށް އިތުރު ކުރާ 3 ވަނަ ނަންބަރުގައި ބުނެފައިވަނީ 6 މަސް ދުވަސް ފާއިތުވުމަށްފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ ފީ ގެ ގޮތުގައި 10 މިލިއަން އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކާފައިވުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ