މާލެ: 31°C

ނުދައްކާހުރި ބިދޭސީންގެ ފީ: 182 މިލިއަން ހޯދައިފި

ނުދައްކާހުރި ބިދޭސީންގެ ފީ: 182 މިލިއަން ހޯދައިފި
August 14, 2024
2 ފަހަރު ބަލާފައި
ނުދައްކާހުރި ބިދޭސީންގެ ފީ: 182 މިލިއަން ހޯދައިފި
ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ 182 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ރޭ ބުނެފި އެވެ. ބިދޭސީ މުވައްޒަފުންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކާ އަދި އޭގެ ޖޫރިމަނާ ވެސް ހިމެނޭ ގޮތަށް 100،000ރ. އަށް ވުރެ މަތިން ދައްކަން ޖެހޭ ކުންފުނިތަކުގެ ލިސްޓެއް ފުރަތަަމަ ފަހަރަށް މިދިޔަ މަހު 24 ގައި ސަރުކާރުން އާންމުކުރި އެވެ. މިނިސްޓްރީން އާންމުކުރި ލިސްޓުގައި 1026 ކުންފުންޏެއް ހިމެނޭއިރު، އޭގެ ތެރެއިން ދައުލަތަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކުންފުނިތަކުގެ އަދަދު 100 އަށް ވުރެ ގިނަ އެވެ. ލިސްޓު އާއްމުކުރިތަ ތިން ހަފްތާ ފަހުން ހޯމްލޭންޑް މިނިސްޓްރީގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުންފުނިތަކުގެ ވަނަވަރު އާއްމުކުރި ފަހުން އިއްޔެ ހަމަޔަށް 182،954،472ރ ރިކަވާކޮށްފައިވާ ކަމަށެވެ. ލިބުނު ފީތަކާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ކަނޑައެޅުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ވަޒީފާގެ ގާނޫނަށް ސަރުކާރުން ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. ވަޒީފާގެ ގާނޫނު މިހާރު އޮތް ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް އެއް ގައުމަކުން އެންމެ ގިނައިން ގެނެވޭނީ 100،000 މީހުން ނެވެ. އޭގެ ބަދަލުގައި ބިލުގައި ހުށަހަޅާފައިވަނީ، ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ ގެނެވޭނެ އަދަދާ ދާއިރާތައް ކަނޑައަޅާނީ ގަވާއިދެއްގެ ދަށުން ކަމަށެވެ. އެ ގަވާއިދު އެކުލަވާލާނީ ލޭބާ މިނިސްޓްރީން ނެވެ. ބިލުގައިވާ ގޮތުން ބިދޭސީން ގެނެވޭނެ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެެވޭނެ އަަދަދާއި ދާއިރާތައް ކަނޑައެޅޭނެ އެވެ. އަދި އެގޮތަށް ކަނޑައެޅުމުގައި އެކި އެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށާ އަދި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައް ކަނޑައެޅިދާނެ ކަމަށް ވެ އެވެ. އެ އިސްލާހުގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާއިން ޖޫރިމަނާކުރަން ހިމަނާފައިވެ އެވެ. އިއްޔެ ކުރިއަށް ދިޔަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި އެ އިސްލާހު ވަނީ ފާސްކޮށްފަ އެވެ. އެއަށް ފަހު ކޮމިޓީ ރިޕޯޓް ފޮނުވާނީ އަނެއްކާވެސް މަޖިލީހުގެ ތަޅުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ