މާލެ: 31°C

ދެކުނުގެ ޓޫރިޒަމް: މިނިސްޓަރު ވިދާޅުވަނީ ދަތިތައް ހައްލު ކޮށްދޭނެ ކަމަށް

ދެކުނުގެ ޓޫރިޒަމް: މިނިސްޓަރު ވިދާޅުވަނީ ދަތިތައް ހައްލު ކޮށްދޭނެ ކަމަށް
August 13, 2024
2 ފަހަރު ބަލާފައި
ދެކުނުގެ ޓޫރިޒަމް: މިނިސްޓަރު ވިދާޅުވަނީ ދަތިތައް ހައްލު ކޮށްދޭނެ ކަމަށް

ދެކުނުގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ގިނަ ދަތިތަކެއް އެބަހުރިކަމަށާއި، އެކަންކަމަށް ހައްލު ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމާބެހޭ ވަޒީރު މިހެން ވިދާޅުވީ ދެކުނުގެ ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބޭއްވި "ސަދަން ރީޖަން ޓޫރިޒަމް ޑިވެލޮޕްމަންޓް ސްޓޭކްހޯލްޑާރ ސިމްޕޯޒިއަމް 2024" ގައި ވާހަކަފުޅުދައްކަވަމުންނެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ކަމާގުޅުންހުރި އިދާރާތައް ބައިވެރިކޮށްގެން ބޭއްވި މަހާސިންތާގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ ދެކުނުގައި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކުރުމަށް ގިނަ ދަތިތަކެއް އެބަހުރިކަމަށެވެ. އަދި އެކަންކަމަށް ހައްލު ގެނެވޭނީ ގުޅިގެން މަސައްކަތްކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމަށް ބެލި ބެލުމުން މައިގަނޑު ދެކަމެއް އެބަ ފާހަގަވޭ. ދެކުނަށް އިންޓަރނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ނުކުރުމާއި އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމަކީ މައިގަނޑު ދެމައްސަލަކަމަށް ފެންނަނީ. އެހެންކަމުން މިކަންކަމަށް މަހާސިންތާގައި ތިބި ފަރާތްތަކުގެ މެދުގައި ކުރެވޭ މަޝްވަރާއިން ހައްލު އަންނާނެކަމަށް ޔަގީންކުރަން." ވަޒީރު ވިދާޅުވިއެވެ. މިމަހާސިންތާގައި ވަނީ ދެކުނުގެ 3 އަތޮޅުގައި މިވަގުތު ފަތުރުވެރިކަމަށް ނެރެފައިވާ އެނދުތަކާއި އަދި އެއަރޕޯޓުތައް ހުރިގޮތާއި، އަދި މަސައްކަތް ކުރިއަށް ނުގޮސްހުރި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކުރުމުގެ އެކި މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފައެވެ. އަދި އައިލެންޑް އެވިއޭޝަންގެ ފަރާތުން ވަނީ ދެކުނަށް ސީޕްލޭން އޮޕަރޭޝަންތައް ފެށުމަށް ހުރި ފުރުސަތުތަކާއި އެކަމަށް މިވަގުތު ހުރި ދަތިތަކާއި ގެނެވޭނެ ހައްލުތައް ހިއްސާކޮށްފައެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ސީޕްލޭންގެ ޚިދުމަތް ފެށުމުން ދެކުނުގެ އަތޮޅުތަކަށްވެސް މާލެ ސަރަޙައްދު ފަދައިން ހެޔޮ އަގެއްގައި ހިދުމަތް ލިބިގެންދާނެކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި މިވަގުތު ޚިދުމަތް ފެށުމަށް މަދުވެގެން 2 އެއަރ ކްރާފްޓް ބޭނުންވާކަމަށާއި ހުވަދު އަތޮޅު އުތުރުބުރީގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެއްދުވަހުގެ މުއްދަތަކަށް ފަތުރުވެރިކަމުގެ ވުޒާރާއިން ކުރިއަށްގެންދިޔަ މި މަހާސިންތާގައި ސިނާޢަތުގެ ކަމާ ގުޅުންހުރި ފަރާތްތަކާއި ދެކުނުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އެއަރލައިންތަކުން ވަނީ ބައިވެރިވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ