މާލެ: 31°C
ޝަހީމް ރިޔާސަތު ބަލަހައްޓަވައިފި

ޝަހީމް ރިޔާސަތު ބަލަހައްޓަވައިފި

August 5, 2024
2 ފަހަރު ބަލާފައި
ޝަހީމް ރިޔާސަތު ބަލަހައްޓަވައިފި
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ 9 ވަނަ ޖަލްސާގެ 5 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވައިފިއެވެ.
މިނިސްޓަރު ޝަހީމް ސައުދީއަށް ވަޑައިގެންނެވީ މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މި ބައިނަލްއަގުވާމީ ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 4 ވަނަ ދުވަހުން 5 ވަނަ ދުވަހުގެ ނިޔަލަށް މައްކާގައެވެ. މި ކޮންފަރެންސްގައި މިނިސްޓަރު ޝަހީމް ބައެއް ސެޝަންތައް ޗެއާކޮށްދެއްވުމަށް ހަމަޖެހިފައިވާކަން މީގެ ކުރިންވެސް މިނިސްޓްރީއިން ހާމަކުރިއެވެ. ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ އިސްލާމީ އުސޫލުތައް ކުރިއެރުވުމާއި، މެދުމިނުގެ އަސާސްތައް ހަރުދަނާކުރުމުގައި އިސްލާމީ ކަންކަމާ ބެހޭ ވުޒާރާތަކުގެ ދައުރެވެ. މި ކޮންފަރެންސްގައި 60 ގައުމަކުން ބައިވެރިވެއެވެ. މިނިސްޓަރު ޝަހީމްއާއެކު އިސްލާމިކް މިނިސްޓްރީގެ ވަފުދުގައި ބައިވެރިވެ ވަޑައިގަންނަވަނީ އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އައްޝައިހް އިމްތިޠާއު އައްބާސް އެވެ. މި ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު ވަޒީރު ޑރ. ޝަހީމް އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން ޑރ ޝަހީމް ވަނީ ފަލަސްޠީނުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު މުޞްޠަފާ ނަޖުމުއާ ބައްދަލުކުރައްވަފައެވެ. މިބައްދަލުވުމުގައި އެމަނިކުފާނު ރާއްޖެވަޑައިގެން، އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމަށް ޑރ. ޝަހީމް ވަނީ ދަޢުވަތު އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވަމުން ދާކަން ފާހަގަކުރެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ