މާލެ: 31°C
މިނިސްޓަރު ޝަހީމްގެ ނުރުހުން އަދާލަތަށް

މިނިސްޓަރު ޝަހީމްގެ ނުރުހުން އަދާލަތަށް

August 3, 2024
2 ފަހަރު ބަލާފައި
މިނިސްޓަރު ޝަހީމްގެ ނުރުހުން އަދާލަތަށް
މި ސަރުކާރުން އިސްލާމިކް މިނިސްޓްރީ ހިންގާނީ އަދާލަތު ޕާޓީން އަންގާ ގޮތަކަށް ނޫން ކަމަށް ވިދާޅުވެ, އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުން އިމާމުންނަށް އިހުތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖެއްސެވުމާއި ގުޅިގެން އަދާލަތު ޕާޓީގެ ޝެއިޚުން ދަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ހިމެނި ވަޑައިގަންނަވައެވެ. އިހްތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖެއްސެވުމުން ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރީ ވަރަށް މަދު މިސްކިތެއްގައެވެ. ޒާހިރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އަދާލަތު ޕާޓީން މިދިޔަ ބުދަ ދުވަހު ހާނިއްޔަގެ މައްޗަށް ހުކުރު ނަމާދަށް ފަހު ކަށު ނަމާދު ކުރަން ސަރުކާރުގައި އެދުނު ކަމަށެވެ. ނަމަވެސް އެކަމަށް ޖަވާބެއް ލިބިފައިނުވާކަން ފާހަގަ ކުރެއްވިއެވެ. މިވާހަކަ ނޫހަކުން ރިޕޯޓް ކުރުމުން ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ, މިނިސްޓްރީން ކަންކުރާނީ އިލްމުވެރީންގެ ފުރިހަމަ މަޝްވަރާއާއެކު ގުރުއާނާ ސުންނަތާ އެއްގޮތަށް ކަމަށެވެ. އަދި އަދާލަތުން ކަންކުރާ ގޮތަށް ކަންތައް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ޝަހީމް ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ, ޣައިބަށް ކަށު ނަމާދު ކުރުމަކީ ވާޖިބެއް ކަމަށް ޑރ. ޒާހިރަށް ފެނިވަޑައިގަންނަވާނަމަ އެ ކަމުގެ ދަލީލެއް ދައްކަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ