މާލެ: 31°C
އިބޫގެ ސަރުކާރުން ދިން ބަދަލުގެ ތަފްސީލް ބަލާ ދިރާސާކުރަން މާލިއްޔަތު ކޮމިޓީން ނިންމައިފި

އިބޫގެ ސަރުކާރުން ދިން ބަދަލުގެ ތަފްސީލް ބަލާ ދިރާސާކުރަން މާލިއްޔަތު ކޮމިޓީން ނިންމައިފި

August 1, 2024
2 ފަހަރު ބަލާފައި
އިބޫގެ ސަރުކާރުން ދިން ބަދަލުގެ ތަފްސީލް ބަލާ ދިރާސާކުރަން މާލިއްޔަތު ކޮމިޓީން ނިންމައިފި
އުވާލާފައި ހުރި އެއްބަސްވުންތަކާއި، އަދި އެ ނޫންވެސް އެކި ސަބަބުތަކާއި ގުޅިގެން ދައުލަތުން ބަދަލުގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިން ފައިސާގެ ތަފްސީލު ހޯދަން މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ. އެމްޑީޕީގެ ސަރުކާރުން ގެއްލުމުގެ ބަދަލެއްގެ ގޮތުން ދޫކުރި ފައިސާގެ ތަފްސީލުތައް ހޯދުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގެވެ.

ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވައި މަމްދޫހު ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި އެމްޑީޕީން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދޫކުރި ކަމަށެވެ. އުސޫލުގެ ތެރެއިން ބަދަލު ދިން މައްސަލަތައް މީގެ ތެރޭގައި ހިމެނުނު ނަމަވެސް މަންދޫހު ވިދާޅުވީ މިހާ ބޮޑު އަދަދެއް ރައްޔިތުންގެ ފައިސާއިން ދޫކޮށްފައިވާތީ އެކަމުގެ ތަފްސީލު އެނގެން ޖެހެ އެވެ.

ސަރުކާރުގެ މެޖޯރިޓީއެއް އޮތް މަޖިލީހުގެ ތެރެއިން މި މައްސަލަ ބަލަން ފެށުމުން، ނުރުހުންފާޅުކޮށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިއީ ވަކި ބަޔަކަށް ޓާގެޓުކޮށްގެން ހުށަހެޅި މައްސަލައެއް ކަމަށެވެ. ވަކި ތާރީހަކަށް ބެލުމެއް ނެތި، ޖީއެމްއާރުގެ މައްސަލައިން ފެށިގެން އެހެން ހުރިހާ މައްސަލައެއްގައި ބަދަލު ދިނުން ކުރިޔަށް ގެންދިޔައީ އެންމެ ރަނގަޅަށް ތޯ ބެލުމަށް ގަޓު ހުރެގެން މަސައްކަތް ފެށުމަށް ޣަފޫރު ގޮވާލި އެވެ. އޭނާ ވިދާޅުވީ މި މައްސަލައިގެ ތެރޭގައި އެހެން ސަރުކާރުތައް ވެސް ހިމަނައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަދަލު ދިނީ ކިހިނެއްތޯ ވެސް ބަލަން ކެރޭހާ ހިތްވަރު ހުންނަން ޖެހޭކަމަށެވެ.

ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އެމްޑީޕީގެ ސަރުކާރުން އޭރު ލަފާ ކުރި އެވެ. އަދި ވެރިކަމަށް އަހަރެއްވިއިރު ގެއްލުމުގެ ބަދަލެއްގެ ގޮތުން ދިން ފައިސާގެ އަދަދު އެކަނި ވެސް އެއް ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި އާބިޓްރޭޝަންގައި ކުރިޔަށް ދިޔަ މައްސަލަތަކާއި، ކުންފުނިތަކާއި ހަވާލު ކުރި މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކޮށްފައި ވާތީ، ބަދަލު ހޯދަން ހުށަހެޅި މައްސަލަތައް ހިމެނެ އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުމަށް ކުންފުނިތަކުން ކޯޓަށް ހުށަހެޅި މައްސަލަތައް ކާމިޔާބުވެ، ހުކުމާއި އެއްގޮތަށް ބައެއް މައްސަލަތަކަށް ފައިސާދިން އިރު އައުޓް އޮފް ކޯޓް ސެޓަލްމަންޓް އުސޫލުން ވެސް ބައެއް ކުންފުނިތަކަށް ފައިސާ ދޫކޮށްފައި ވެއެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ