މާލެ: 31°C
ފަނޑިޔާރުންނަށް ނާޒިމްގެ ނުރުހުން މިއަމާޒުވަނީ ކީއްވެ؟

ފަނޑިޔާރުންނަށް ނާޒިމްގެ ނުރުހުން މިއަމާޒުވަނީ ކީއްވެ؟

August 1, 2024
2 ފަހަރު ބަލާފައި
ފަނޑިޔާރުންނަށް ނާޒިމްގެ ނުރުހުން މިއަމާޒުވަނީ ކީއްވެ؟
މީގެ ކުރިން ފާޑު ވިިދާޅުވީ ފަނޑިޔާރުންގެ މަސައްކަތާ މެދުގައެވެ. ހުރިހާ ވަސީލަތްތަކެއް ދީފައި ހުރި އިރު ފަނޑިޔާރުންގެ ޕާފޯޯމަންސް ކަމުނުދާ ކަމަށް ވަރަށް ފާޅުގައި ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހުމަދު ނާޒިމް މިފަހަރު ދެކޮޅު ހެއްދެވީ ފަނޑިޔާރުންގެ އިިންޝުއަރެންސް ބޮޑުކުރުމާއެވެ. ރާއްޖޭގައި މަސައްކަތްކުރާ ފަނޑިޔާރުންގެ މަސައްކަތުގެ ދުވެލި އެންމެ ރަނގަޅަށް ނުފެންނަ ކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ނާޒިމް ވަނީ ތަކުރާރު ކުރައްވާފައެވެ. ފަނޑިޔާރުންގެ މެޑިކަލް އިންޝުއަރެންސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ފަނޑިޔާރުންގެ އަތުގައި އެތައް މައްސަލައެއް އޮވެފައި، މައްސަލަ ނުވެސް ނިންމައި އަވަހަށް ރިޓަޔާވާ ކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ. މި މޭރުމުން މާލިއްޔަތު ކޮމިޓީގެ އެހެން ބައެއް ބޭފުޅުންވެސް ވާހަކަ ދައްކަވާފައިވާތީ ރާއްޖޭގެ ސީނިއަ ބައެއް ވަކީލުން ވިދާޅުވެފައި ވަނީ ފަނޑިޔާރުންނަށް ވަކި ހާއްސަ އިނާޔަތްތަކެއް ދިނުމާއި އެމީހުންގެ މަސައްކަތްތަކާ އަޅުވައި ކިޔުމަކީ އެހާ ރަނގަޅު ގޮތެއް ނޫނެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ "އެއްވެސް ހަމައެއް ލަމައެއް ނެތް" ކަމަށެވެ. އަދި ރިޓަޔާ ވުމަށް ފަހުގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ފަނޑިޔާރުން ވެސް މަދު ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ. "ސިއްހަތު ސަލާމަތުން ތިބޭ މެދު އުމުރުގެ ފަނޑިޔާރުން ރިޓަޔާކޮށްފާނެ، ރިޓަޔާކޮށްފައި ހަމަ ޕެކޭޖު ނަގައިގެން ދާންވީ، އެހެން ވެގެން ނުވާނެ،" ސަތާރަ އަދި އަށާރަވަނަ މަޖިލީހާއި މި މަޖިލީހުގައި ވެސް ދިއްގަރު ދާއިރާ ތަމްސީލްކުރައްވާ މެންބަރު ނާޒިމް ވިދާޅުވި އެވެ. ކޮންމެ ގާޒީއެއްގެ އަތުގައި 100 އާއި 500 އާ ދެމެދުގެ މައްސަލަތައް ނުނިމި އޮންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ. ސިވިލް ކޯޓުގައި އަޑުއެހުމެއް ނުބޭއްވޭތާ ވެސް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. "ގައިމު ކުރާ ކަމެއް އޮންނަން ވާނެތާ، މިހާރު ވެސް 62،000 ރުފިޔާގެ މުސާރައެއް ނަގާއިރު،" ނާޒިމް ވިދާޅުވި އެވެ. ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭއިރު ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސް ޕެކޭޖު ދައުލަތުގެ ހަރަދުގައި ބޮޑު ކުރުމަކީ ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ވުން ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ފަނޑިޔާރުންގެ މަސައްކަތާއި އެހެން ދާއިރާތަކުގެ މަސައްކަތާ އަޅާކިޔާތީއެވެ. "ފަނޑިޔާރުން ދުވާލަކު 100 މައްސަލަވެސް ނިންމަވާފާނެ ޕާފޮމަންސް ރަނގަޅު ކުރައްވަން. އެކަމަކު އޭރުން ޝަރުއީ ނިޒާމް ބިނާވާނީ ކުއަލިޓީއަށްވުރެ ބޮޑަށް ކުއެންޓިޓީއަށް. ކޯޓުތަކުގައި މައްސަލަތައް ލަސްވާކަން އަހަރެމެންވެސް ގަބޫލުކުރަން އެކަމަކު އޭގެ މާނައަކީ ތަނެއް ދޮރެއް ބަލާނުލާ އަވަހަށް މައްސަލަތައް ނިންމާލައި މޭޒު ސާފުކޮށްލުމެއް ނޫން. މިކަހަލަ ކަންކަމުގައި ރައްޔިތުންގެ މަޖލީހުގެ މެމްބަރުންވެސް ވާހަކަ ދައްކަވަންވާނީ ޒާތީ ވިސްނުންތަކުން ބޭރުވެ، ހަމައާއި އިންސާފު ގަބޫލުކޮށްގެން،" ކުރިން ވާހަކަ ދެއްކެވި ވަކީީލު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ