މާލެ: 31°C
އަތަމާ އަބްދުއްލަތީފް ނިޔާވެއްޖެ

އަތަމާ އަބްދުއްލަތީފް ނިޔާވެއްޖެ

July 29, 2024
2 ފަހަރު ބަލާފައި
އަތަމާ އަބްދުއްލަތީފް ނިޔާވެއްޖެ
ގިނަ އަހަރުތަކެއް ވަންދެން ދިވެހިން ހައްޖަށް ގެންދިއުމުގެ ހިދުމަތުގައި އުޅުއްވި އަތަމާ އަބްދުއްލަތީފް ނިޔާވެއްޖެއެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި  މ.މެޑޯޒް އަބްދުއްލަތީފު ހުސައިން ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި މިއަދުގެ ވަގުތެއްގައެވެ. އަބްދުއްލަތީފް ނިޔާވިއިއިރު އުމުރުފުޅަކީ 94 އަހަރެވެ. ގިނަ އަދަދެއްގެ ދިވެހިންގެ އިހުތިރާމް ލިބިފައިވާ އަތަމާ އަބްދުއްލަތީފު ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ، ފަސޭހަ ގޮތެއްގައި ދިވެހިންނަށް ހައްޖަށް ދިއުމުގެ އިންތިޒާމުތައް ހަމަޖައްސަވައިދިން ބޭފުޅެއްގެ ގޮތުގައެވެ. އަތަމާ އަބްދުއްލަތީފަކީ، ދިއްފުށީ ހުސައިން ހަނދޭގިރި ތަކުރުފާނުގެ މާކޮށާރު އަލިމަނިކުގެ މާކޮށާރު އިބްރާހިމް މަނިކުގެ މާކޮށާރު އައިސާމަނިކެގެ ހުސައިން މަނިކުގެ ބޭފުޅުންގެ ތެރެއިން މިހާތަނަށް ދުނިޔޭގައި ހުންނެވި ބޭފުޅާއެވެ. އަތަމާ އަބްދުއްލަތީފަކީ ހިސާބު އިލްމުގައި ފާހަގަކޮށްލެވުނު ބޭފުޅެކެވެ. އެގޮތުން އަބްދުއްލަތީފް ވަނީ މަޖީދިއްޔާ ސްކޫލުގައިވެސް ހިސާބު ޓީޗަރެއްގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ. މީގެ އިތުރުން އަތަމާ އަބްދުއްލަތީފަކީ ކުޅަދާނަ ވިޔަފާރިއެއްވެސް މެއެވެ. ހާޑުވެއާ ވިޔަފާރިއަށްފަހު އަތަމާ އޭނާ ޓޫރިޒަމް ވިޔަފާރިވެސް ކުރެއްވިއެވެ. އަތަމާ އަބްދުއްލަތީފް އަދާކުރެއްވި ސަރުކާރު ވަޒީފާތަކުގެ ތެރޭގައި ވުޒާރަތުއް ތިޖާރާއިން މާލޭގައި ހިންގެވި މަޝްހޫރު ގައުމީ ހޮޓަލުގެ މެނޭޖަރުކަމުގެ އިތުރުންވެސް ތަފާތު ވަޒީފާތައް ހިމެނެއެވެ. އަބްދުއްލަތީފުގެ ދިރިއުޅުމަށް ބަލާއިރު 4 ކައިވެނި ކުރެއްވިއިރު، ޖުމްލަ 9 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ހަތަރު އަންހެން ބޭފުޅުންނާއި ފަސް ފިރިހެން ބޭފުޅުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ