މާލެ: 31°C
ކުންފުނިތަކުން ބިދޭސީންގެ ފީ ނުދެއްކުމުގައި ދައުލަތުގެ އިހުމާލު އޮތްކަމަށް އަނާރާ ވިދާޅުވެއްޖެ

ކުންފުނިތަކުން ބިދޭސީންގެ ފީ ނުދެއްކުމުގައި ދައުލަތުގެ އިހުމާލު އޮތްކަމަށް އަނާރާ ވިދާޅުވެއްޖެ

July 29, 2024
2 ފަހަރު ބަލާފައި
ކުންފުނިތަކުން ބިދޭސީންގެ ފީ ނުދެއްކުމުގައި ދައުލަތުގެ އިހުމާލު އޮތްކަމަށް އަނާރާ ވިދާޅުވެއްޖެ
ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކައިގެން ކޮންސްޓްރަކްޝަން އެކި ކުންފުނިތަކުގެ ނަންތަކުގެ ލިސްޓާއި ތަފްސީލުތައް އާންމުކުރިއިރު ދައުލަތުން ވެސް އެ ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރުވައި ފައިސާ ނުދީ އެބަހުރި ކަމަށް ކ. ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގައި ކުރިޔަށް ދިޔައީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅާފައިވާ ބިލުގެ ބަހުސްއެވެ. އަނާރާ ވިދާޅުވީ ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީ މަރުހަލާ ކުރިޔަށް ގެންދިއުމުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއާއި މިފަދަ ގާނޫނެއް ގެނައުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ދެވޭނެ ފަރުދުދުންނާއި ބައްދަލުކޮށް ހިޔާލު ހޯދުން މުހިންމުކަމަށެވެ.
މި އިސްލާހަށް ބަހުސް ކުރައްވަމުން އަނާރާ ވިދާޅުވީ، ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރެވެން ވާނީ ގާނޫނީ މިންގަނޑުގެ ތެރެއިންކަމަށާއި، އެ މީހުންނަށް ގަވައިދުތަކުގެ ބޭރުން ވަޒީފާ އަދާކުރެވިގެން ނުވާނެކަމަށެވެ. މިކަން ހުރިހާ ދިވެހި ރައްޔިތުން ވެސް ގަބޫލު ކުރާއިރު، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދު ކުރާ ސަބަބަކީ ވެސް އެއީކަމަށް އަނާރާ ވިދާޅުވި އެވެ. އަނާރާ ވިދާޅުވީ އިސްލާހުގައި ބިދޭސީންގެ އަދަދު ކަނޑައަޅައި، ދާއިރާތައް ކަނޑައެޅުން ހިމަނާފައިވުމުން އެކަމަށް ވެސް ގިނަ މަޝްވަރާތަކެއް ކުރަން ޖެހޭކަމަށެވެ. ބިދޭސީންނަކީ ވެސް އިންސާނީ ހައްގުތައް ލިބިގެންވާބައެއްކަން ފާހަގަކުރައްވައި އަނާރާ ވިދާޅުވީ ކޮވިޑު-19 ގެ ދުވަސްވަރު ވެސް ވަރަށް ހާލުގައި އުޅެމުން ދިޔަ މީހުން ފެނުނު ކަމަށެވެ. އަޅުގަނޑުމެންނަށް ކޮވިޑުގެ ތެރޭގައި ވެސް ފެނިގެން ދިޔަ ވަރަށް ހާލުގައި އުޅެމުންދާ ބިދޭސީން ވެސް.. އެއީ އެއްގޮތަކަށް ވެސް ކަންކަން ވެގެން ދާން ޖެހޭ ގޮތެއް ނޫން… ރާއްޖެއިން ބޭރުން ބިދޭސީ މަސައްކަތްތެރިން ގެނެސް އެ މީހުންނަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން ދޭން ޖެހޭ ރާއްޖޭގައި ބިދޭސީންގެ އަދަދު މަދު ކުރުމަށް އަމާޒުހިފައި އެކަމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައި އަނާރާ ވިދާޅުވީ، ދެފަރާތަށް ލިބެންވާ ހައްގުތައް ކަށަވަރު ކުރެވެން ޖެހޭ ކަމަށެވެ. ދައުލަތަށް ކޮންސްޓްރަކްޝަން ކުންފުނިތަކުން ދައްކަން ޖެހޭ ފީތައް ނުދައްކައި، ހުރި މައްސަލަތަކެއް ފެންމަތިވެ ކުންފުނިތަކުގެ ނަންތަކެއް ދާދިފަހުން އާންމު ކުރުމުން އެކަމަށް އަނާރާ ވިދާޅުވީ ދައުލަތުގެ ފަރާތުން ވެސް މަސައްކަތް ކުރުވާފައި، އެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުލިބި އެބަހުރިކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ލިބެން ޖެހޭ ފައިސާ، ވަޒީފާ ދޭ ކުންފުނިތަކަށް ލިބުމުން ބިދޭސީންގެ ފީތައް ދެއްކުމުގައި ފަސޭހަތަކެއްވެ އެ މީހުންގެ ހައްގުތައް ވެސް ކަށަވަރު ކުރެވޭނެކަމަށެވެ. ފީތަކުގެ މައްސަލައިގައި އަނާރާ މަޖިލީހުގައި ވާހަކަ ދެއްކެވިއިރު، އޭނާއަކީ މަޝްހޫރު ޑްބްލިއު ކޮންސްޓްރަކްޝަންގެ ވެރިމީހާގެ އަނބިކަބަލުންނެވެ. މީގެ އަހަރުތަކެއް ކުރިން ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުންދިޔަ އިމާރާތެއްގެ މަތިން ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން ނިޔާވި މައްސަލައިގައި ކުންފުނި ދިފާއު ކުރުމުން އަނާރާއަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވެފައިވެއެވެ. ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން މ. ނަލަހިޔާމަންޒިލްގައި ހަދަމުން ދިޔަ އިމާރާތަކަށް ސިމެންތި ބަސްތާއެއް އަރުވަމުން ދަނިކޮށް، ޖިއާންގެ ގަޔަށް އެ ބަސްތާ ވެއްޓި އެ ކުއްޖާ ޑިސެމްބަރު 2018 ގައި ނިޔާވި މައްސަލައިގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަ ފަރުޒާނާ ހުސެއިނާއި މުހައްމަދު ކަމާލުއްދީން ޖާވިދު ބަދަލު ހޯދަން ޑަބްލިއު ކޮންސްޓްރަކްޝަނާ ދެކޮޅަށް ދައުވާ ވެސް ކުރި އެވެ. ރާއްޖޭގައި ބިދޭސީންގެ މަސައްކަތަށް ދޫކުރާ ހުއްދަތަަކަށް ދައުލަތަށް ދައްކަން ޖެހޭ ފަރާތްތަކުން އެ ފައިސާ ނުދައްކާތީ 1026 ކުންފުޏެއްގެ ނަމާއި، ދައްކަން ޖެހޭ ފައިސާގެ ތަފްސީލު ހިމެނޭ ލިސްޓެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމު ކުރީ މިދިޔަ ހަފްތާގަ އެވެ. ސިޔާސީ މަގާމުތަކުގައި ކުރީ ސަރުކާރުތަކާއި މި ސަރުކާރުގައި ތިބި ބައެއް ބޭފުޅުންގެ ކުންފުނިތަކާއި އެކު ވަކިވަކި ފަރުދުން ވެސް ލިސްޓުގައި ހިމެނެ އެވެ. އެ މައްސަލައިގައި ގިނަ ކުންފުނިތަކުން ނުރުހުންފާޅުކޮށް ވަނީ، ނަންތައް އާންމު ކުރީ މަޝްވަރާ ކުރުމެއް ނެތިކަމަށް ބުނެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ