މާލެ: 31°C
އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލުމަށްޓަކައި އެއްބަސްވުމެއްގައި ސޮއި ކޮށްފި

އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލުމަށްޓަކައި އެއްބަސްވުމެއްގައި ސޮއި ކޮށްފި

July 28, 2024
2 ފަހަރު ބަލާފައި
އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލުމަށްޓަކައި އެއްބަސްވުމެއްގައި ސޮއި ކޮށްފި

ރާއްޖޭގެ އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލުމަށްޓަކައި ގްރޫޕް އޮފް އާރތް އޮބްޒަވޭޝަންސް (ޖީއީއޯ) އާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ ނަމަކީ "ދަ ގްލޯބަލް އިކޯސިސްޓަމް އެޓްލަސް އެކްސެލެރޭޓަރ ފޮރ ދަ މޯލްޑިވްސް" އެވެ. އެންވަޔަރަމެންޓް މިނިސްޓްރީ ބުނީ، މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލެވޭނެ ކަމަށެވެ. އަފި މި އެޓްލަސްގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، ތިމާވެށި ރައްކާތެރިކުރުމުގެ ރޭވުންތަކަށާއި، ސަރުކާރުން ފަހަކަށްއައިސް އިއުލާންކޮށްފައިވާ ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލުކުރުމަށްވެސް މި އެޓްލަސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. ގައުމީ ފެންވަރުގައި ގުދުރަތީ ޕާކުތަކާއި، ބަޔޯސްފިއަރ ރިޒާވްތަކާއި، އިކޯޓޫރިޒަމް ކުރިއެރުވުމަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ އިތުރުން، ކުންމިންގ-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވަރކްގެ އަމާޒުތަކާ އެއްގޮތްވާ ގޮތުގެމަތިން ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭންގެ ދަށުން އިތުރު އަމާޒުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ. އަދި މި އެޓްލަސްގެ ސަބަބުން މި އަމާޒުތައް ހާސިލުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫއުގެ ދަށުން އެކުލަވާލެވޭ އެޓްލަހުގައި ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ ބާވަތްތަކާއި، އެ ސަރަހައްދުތަކުގެ މައުލޫމާތު އަދި ފަންނީ ލިޔެކިޔުންތައް ހިމެނޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި މަޝްރޫއު ކުރިއަށްގެންދާނީ ޔޫ.އެސް.އޭ.އައި.ޑީގެ އެހީގައި ރީޖެނެރޭޓް ޕްރޮޖެކްޓްގެ ދަށުން އައި.ޔޫ.ސީ.އެން އާއި ގުޅިގެން ކުރިން ދެނެގަނެފައިވާ ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ މައްޗަށް ބިނާކޮށެވެ. މިނިސްޓްރީން ބުނި ގޮތުގައި، ގޮނޑުދޮށާއި ކަނޑުގެ ވެށްޓަށް ބަރޯސާވާ މިންވަރު ބޮޑު ގައުމަކަށްވާތީ، މިފަދަ އެޓްލަހެއްގެ މުހިންމުކަން ވަރަށް ބޮޑުކަމަށެވެ. އަދި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި، މުހިންމު ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ގެއްލުން ލިބިފައިވާ ސަރަހައްދުތައް އާރާސްތުކުރުމަށް މި އެޓްލަސް އެހީތެރިވެދޭނެކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަޝްރޫއުގެ ޕައިލެޓް ގައުމެއްގެ ގޮތުގައި ރާއްޖެ ހޮވި ކަމަށްޓަކައި ޖީ.އީ.އޯ އަށް އެންވަޔަރަމެންޓް މިނިސްޓްރީގެ، މިނިސްޓާރ ތާރިގް އިބްރާހިމް ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ޖީ.އީ.އޯ އާއެކު ފައިދާ ހުރި ގޮތެއްގައި މަސައްކަތްކުރެވޭނެ ކަމުގެ އުންމީދު މިނިސްޓާރ ވަނީ ފާޅުކުރައްވާފައެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ