މާލެ: 31°C
ރިޔާސީ އިންތިހާބަށް ރަނިލް ފުރިހަމައަށް ތައްޔާރު

ރިޔާސީ އިންތިހާބަށް ރަނިލް ފުރިހަމައަށް ތައްޔާރު

July 28, 2024
2 ފަހަރު ބަލާފައި
ރިޔާސީ އިންތިހާބަށް ރަނިލް ފުރިހަމައަށް ތައްޔާރު
ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ރައީސް ރަނިލް ވިކްރަމަސިންހަ ފައިސާގެ ޑިޕޮސިޓް ހުށަހަޅުއްވައި, ކެނޑިޑެސީ އިޢުލާނު ކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން އިޢުލާނު ކޮށްފައި ވަނީ ޖުލައި 26ވަނަ ދުވަހުއެވެ. އެއާ އެކު, އެ އިދާރާއަށް ފައިސާގެ ޑިޕޮސިޓް ހުށަހަޅުއްވައި, ކެނޑިޑެސީ އިޢުލާނު ކުރައްވާފައިވާ ފުރަތަމަ ކެނޑިޑޭޓަކީ ވިކްރަމަސިންހައެވެ. އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން އިޢުލާނު ކޮށްފައިވާ ގޮތުގައި, ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ކެނޑިޑެސީ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓު 15އެވެ. އެ އިންތިޚާބުގައި, 22 މިލިޔަން މީހުންގެ އާބާދީއެއް އޮތް ސްރީލަންކާގެ 17 މިލިޔަން މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އިންތިޚާބުގައި ވާދަ ކުރުމަށް ކެނޑިޑެސީ އިޢުލާނު ކުރައްވާފައިވާ 75 އަހަރުގެ ވިކްރަމަސިންހަ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ 2022 ޖުލައިގައި, އެ މަޤާމު ފުރުއްވަމުން ގެންދެވި ގޮތަބަޔަ ރާޖަޕަކްސަ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް ކަމުގެ މަޤާމަށް ވިކްރަމަސިންހަ އިންތިޚާބު ކޮށްފައި ވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުންނެވެ. އޭނާއާ އެ މަޤާމު ހަވާލު ކޮށްފައި ވަނީ, 2019ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަމާ ހަވާލުވި ރާޖަޕަކްސަގެ ސަރުކާރުގެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ. ރާޖަޕަކްސަ އިސްތިޢުފާ ދެއްވާފައި ވަނީ, އޭނާގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން ޤައުމު ދޫކޮށް ވަޑައިގެންނެވުމަށް ފަހުއެވެ. ވިކްރަމަސިންހައަކީ ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހަ ދައުރު ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. މަޖިލީހުގައި އޭނާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ތަމްސީލު ކުރައްވަނީ އެންމެ މެންބަރެކެވެ. އެހެން ކަމުން, ރިޔާސީ އިންތިޚާބަށް ތާޢީދު ހޯއްދަވަން އޭނާއަށް ސިޔާސީ ޕާޓީތަކާ އެކު ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އެހެން ޕާޓީތަކުގެ ތާޢީދު ހޯއްދަވަން ވިކްރަމަސިންހަ މިހާރު ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އޭގެ ތެރެއިން އޭނާއަށް އެންމެ މުހިންމު ވާނީ މަޖިލީހުގައި އެންމެ ގިނަ ދާއިރާ ތަމްސީލު ކުރަމުންދާ ސްރީލަންކާ ޕުދުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ތާޢީދު ހޯއްދެވުމެވެ. އެއީ, ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އުފައްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާ ވާދަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބެލެވޭ އެއް ކެނޑިޑޭޓަކީ, އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތް ޕްރޭމަދާސައެވެ. 57 އަހަރުގެ ޕްރޭމަދާސައަކީ, ސްރީލަންކާގެ ކުރީގެ ރައީސް ރަނަސިންހަ ޕްރޭމަދާސަގެ ދަރިކަލުންނެވެ. ސްރީލަންކާއަށް ކުރިމަތިވެފައިވާ މާލީ ކާރިސާއިން އަރައިގަތުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފު)ން ދީފައިވާ 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕުރޮގުރާމު އިތުރަށް ހަރުދަނާ ކުރަން އޭނާގެ އެސްޖޭބީން ދަނީ ސަރުކާރަށް ބާރު އަޅަމުންނެވެ. އަދި, ޓެކުސްގެ ނިޒާމު މުރާޖަޢާކޮށް, ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ މިހާރު ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އިންތިޚާބުން ދެން ފެނިގެންދާނެ ކަމަށް ބެލެވޭ އަނެއް މޫނަކީ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް, އަދި ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަނުރަ ކުމާރަ ދިސާނަޔަކައެވެ. މަޖިލީހުގައި ތިން ދާއިރާ ތަމްސީލު ކުރަމުންދާ 55 އަހަރުގެ ދިސާނަޔަކަގެ ޖޭވީޕީން ވަނީ ސްރީލަންކާގެ ސަރުކާރުން ކޮރަޕްޝަން ނައްތައިލަން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ 73 އަހަރުގެ ސަރަތް ފޮންސޭކާއަކީ ސްރީލަންކާގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. 26 އަހަރަށް ދެމިގެންދިޔަ ސްރީލަންކާގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ކުރި މަސައްކަތްތަކުގައި އޭނާ އިސް ދައުރެއް އަދާ ކުރެއްވިއެވެ. އޭނާއަކީ ޕްރެމަދާސަގެ އެސްޖޭބީއަށް ނިސްބަތްވާ މެންބަރެކެވެ. އޭނާ ވެސް ވަނީ ކޮރަޕްޝަން ނައްތައިލައި, އިޤުތިޞާދު ކޮޅަށް ޖަހަން ވަޢުދުވެ ވަޑައިގަންނަވާފައެވެ. އިންތިޚާބުން ދެން ފެނިގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރާ އަނެއް ކެނޑިޑޭޓަކީ 65 އަހަރުގެ ވިޖެޔަދާސަ ރާޖަޕަކްޝައެވެ. ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ރާޖަޕަކްޝަ މިހާރު ހުންނެވީ އެ ޤައުމުގެ ޝަރުޢީ ދާއިރާގެ ވަޒީރު ކަމުގެ މަޤާމުގައެެވެ. އޭނާގެ ސަރުކާރެއްގައި ޢުމްރާނީ ތަރައްޤީއަށް އިސްކަން ދެއްވާނެ ކަމަށް މިހާރު ވެސް އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ. ސްރީލަންކާގެ ރިޔާސީ އިންތިޚާބު އިޢުލާނު ކޮށްފައި މި ވަނީ, މާލީ ހާލަތު ގޯސްވެ, އެ ޤައުމަށް އިޤުތިޞާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ސެޕްޓެންބަރުގައި ބާއްވާ އިންތިޚާބު ކާމިޔާބު ކުރާ ކެނޑިޑޭޓެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވެގެން ދާނީ, ވަޅުގަނޑަކަށް ވެއްޓިފައިވާ އިޤުތިޞާދު ދިރުވައި, ކޮޅަށް ޖެހުމެވެ. 2023ވަނަ އަހަރު ސްރީލަންކާގެ އިޤުތިޞާދީ ދުވެލި 2.3 އިންސައްތަ ދަށަށް ދިޔައެވެ. އަދި, މާލީ ކާރިސާގެ ތެރެއިން އިޤުތިޞާދީ ކުރިއެރުން 7.3 އިންސައްތައަށް ވެއްޓިގެން ދިޔައެވެ. ނަމަވެސް, މާލީ އިދާރާތަކުގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި އެ ޤައުމުގެ އިޤުތިޞާދު މި އަހަރު 3 އިންސައްތައިން ކުރިއަރާނެއެވެ. ސްރީލަންކާގެ ބޭރުގެ ދަރަނި 34.8 ބިލިޔަން އެމެރިކާ ޑޮލަރަށް (އޭޕްރިލް 2022އާ ހަމައަށް) އުފުލިފައިވާއިރު, އޭގެ ތެރެއިން 10 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ޖަޕާނާއި ޗައިނާގެ އިތުރުން އިންޑިޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިތުރު 12.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ސްރީލަންކާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ