މާލެ: 31°C
ކޮންމެ ދެހަފުތާއަކުން މަަސްވެރިންނަށް ފައިސާ ދޫކުރެވޭނެ: މިނިސްޓަރު

ކޮންމެ ދެހަފުތާއަކުން މަަސްވެރިންނަށް ފައިސާ ދޫކުރެވޭނެ: މިނިސްޓަރު

July 28, 2024
2 ފަހަރު ބަލާފައި
ކޮންމެ ދެހަފުތާއަކުން މަަސްވެރިންނަށް ފައިސާ ދޫކުރެވޭނެ: މިނިސްޓަރު
މަސް ކިރާތާ ދެ ހަފުތާ ދުވަހުގެ ތެރޭގައި ގަވާއިދުން ފައިސާ ދެމުން ގެންދެވޭ ވަރަށް އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު އައި އިރު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ބެކްލޮގް 250 މިލިއަން ރުފިޔާއަށް އަރަ އެވެ. އެ އަށްފަހު ގަތް މަސްތަކަށް ވެސް ފައިސާ ނުދެވި ބެކްލޮގް ބޮޑުވަމުން ގޮސް، މަސްވެރިން ވެސް ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައިވެ އެވެ.
ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ ބެކްލޮގްގައިވާ ހުރިހާ ފައިސާއެއް އަނެއްކާ ވެސް ދައްކާ ހަލާސް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ހަމަޖެހިފައިވާ އިންތިޒާމުތަކުން މަސް ކިރާތާ ދެ ހަފުތާ ތެރޭގައި ފައިސާ ދައްކަމުންދާނެ ކަމަށެވެ. ބެކްލޮގް މިހާރު ވަނީ ހަމަ އެއްކޮށް ހަލާސްވެފަ. މިހާރު ދެން ކޮންމެ ދެ ހަފުތާއަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައި އެ ގޮތަށް ގަވާއިދުން ފައިސާ ދެވެމުން އެބަ ދެވޭ،" ޝިޔާމް ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ މަސް ކިރާތާ އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެވުމެވެ. އެ ކަން ހަމަޖެހިގެންދާނީ ދުނިޔޭގެ ބާޒާރަށް ޕްރޮސެސްކޮށްފައިވާ މަހުގެ އުފެއްދުންތައް ނެރޭ ނިސްބަތް އިތުރުކޮށް ރަނގަޅު އާމްދަނީއެއް މިފްކޯއެއް ލިބެން ފެށުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ މަގަށް ކަމަށް ވެސް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ ސަރުކާރުގެ ކުރީކޮޅު މަސްވެރިންނަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ދިމާވީ ކުރީގެ ސަރުކާރުން ދައުރުގެ އެހާ ފަހުކޮޅު "ކުއްލިއަކަށް" މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް އުފުލުމުން ކަމަށެވެ. އެ ސަރުކާރުގައި ވެސް މަސް ކިލޯގެ އަގު އުފުލުމަށް ފަހު ފައިސާ ނުދެއްކޭ ކަން ޝިޔާމް ފާހަގަ ކުރެއްވި އެވެ. "ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަލާއިރު ވަރަށް ބޮޑު އެއްޗެއް ދައުލަތުން ދީގެން މަސް ގަންނަން ޖެހިފައި އޭރު އޮތީ، އޭރު މިފްކޯގެ ބްރޭކް އީވެން ނާދޭ 12 ރުފިޔާއަށް މަސް ކިލޯ ގަތަސް. އެހެންމަ ދައުލަތުން މަސް ކިލޯއަކަށް 13 ރުފިޔާއަށް ވުރެ ގިނައިން އެބަ ދޭން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަސް ކިލޯއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި އޭރެއްގެ ހުުންނަ އަގަށް ބަދަލު ކުރުމުން މަސްވެރިންނަށް ފައިސާ ދެވޭ ގޮތަށް ހަމަޖެހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭގެ ބަދަލުގައި މިފްކޯއަށް ވެސް ނުތަކާ ވަރުގެ އަގެއްގައި ދަރަންޏަށް މަސް ގަނެ ނުދެއްކުމުން މަސްވެރިންނަށް މާ ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ