މާލެ: 31°C
ރާއްޖޭގައި މުޒާހަރާކުރި ބަންގްލަދޭޝް ބަޔަކު ޑިޕޯޓްކުރާތީ، އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ

ރާއްޖޭގައި މުޒާހަރާކުރި ބަންގްލަދޭޝް ބަޔަކު ޑިޕޯޓްކުރާތީ، އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ

July 27, 2024
2 ފަހަރު ބަލާފައި
ރާއްޖޭގައި މުޒާހަރާކުރި ބަންގްލަދޭޝް ބަޔަކު ޑިޕޯޓްކުރާތީ، އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ
ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ބަންގްލަދޭޝް ގައި ކުރަމުންދާ މުޒާހަރާތަަށް އެއްބާރުލުން ދިނުމުގެ ގޮތުން، ގދ. ތިނަދޫގައި މުޒާހަރާކުރި ބަންގްލަދޭޝް މީހުން ޑިޕޯޓްކުރަން ސަރުކާރުން މަސައްކަތްކުރަމުންދާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީ) އިން ބަލަން ފަށައިފި އެވެ. އެޗްއާރްސީއެމުން މިއަދު 'އެކްސް' ގައި އާއްމުކުރި ޕޯސްޓެއްގައި ބުނީ، ބިދޭސީން ހިމެނޭހެން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަކީ ރާއްޖެއިން ސޮއިކޮށްފައިވާ އިންޓަނޭޝަނަލް ކޮންވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ 21 ވަނަ މާއްދާގެ ދަށުން ހުރިހާ ފަރާތްތަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ދަށުންވެސް ލިބިގެންވާ ހައްގެއް ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ. ތިނަދޫގައި މުޒާހަރާ ކުރީ 19 ޖުލައި ވީ ހުކުރު ދުވަހު އެވެ. އެ މުޒާހަރާގައި ތިނަދޫގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ މީހުން ވަނީ ބައިވެރިވެފައި އެވެ. އެ ބީދޭސީން ޑީޕޯޓްކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، މަސައްކަތްތެރިންނަށް ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސްއަޅާ އެފަދަ ހަނިކުރުންތައް ބޭނުންކޮށްގެން ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާއި ހިލާފުނުވާހާ ހިނދަކު ރާއްޖޭގައި ތިބި ބިދޭސީން ހައްޔަރުކޮށް ވަޒީފާއިން އަނބުރާ ފޮނުވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ޓްރާންސްޕޭރެންސީން، ސަރުކާރަށް ގޮވާލީ ބިދޭސީން އަނބުރާ ފޮނުވާލަން ނިންމާފައިވާ ނިންމުން ބާތިލުކުރުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ