މާލެ: 31°C
ރަސްމާލެއާ ބެހޭ ގޮތުން ރައީސް: އަށް މަސް ތެރޭ ހިއްކާނިމޭނެ

ރަސްމާލެއާ ބެހޭ ގޮތުން ރައީސް: އަށް މަސް ތެރޭ ހިއްކާނިމޭނެ

July 27, 2024
2 ފަހަރު ބަލާފައި
ރަސްމާލެއާ ބެހޭ ގޮތުން ރައީސް: އަށް މަސް ތެރޭ ހިއްކާނިމޭނެ
މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުކަމުގައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ނިންމަން އިތުރު އަށް މަސް ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ފުށިދިއްގަރުފަޅު ހިއްކުމަށްފަހު "ރަސްމާލެ"ގެ ނަމުގައި އެތަން ތަރައްގީކޮށް އެތަނުގައި މީހުން އާބާދުކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ވައުދެކެވެ. އެ މަޝްރޫއުގެ އަމަލީ ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައި ވަނީ އެ މަސައްކަތް މެދުނުކެނޑި އަށް މަސްދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށެވެ. ރައީސް އެ ވިދާޅުވި މުއްދަތު އަންނަ މަހު 18 އަށް ހަމަވާނެއެވެ. ސީއެމްސީސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިން އެ މަސައްކަތް ކުރިއަށްގެން ދިޔައީ ރަސްމާލެއިންނާއި ހުޅުމާލެއިން އެ ކުންފުންޏަށް ހިލޭ ބިން ދޭގޮތަށެވެ. ނަމަވެސް އެ އުސޫލުގެ ދަށުން އެ ކުންފުންޏަށް އެކަން ނުކުރެވުނު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްތަލިބު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ރަސްމާލެއިން ބިން ދޭ ގޮތަށް، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމުނުދާ ކަމަށެވެ. އެހެންވެ، އެ މަސައްކަތް ހަވާލުކޮށްފައިވާ ސީއެމްސީސީ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. "ރަސްމާލޭގެ 1100 ހެކްޓަރުގެ ބިން އެކި ކުންފުނިތަކާ ހަވާލުކޮށްގެން ހިއްކުމުގެ މަސައްކަތް އެޗްޑީސީއާއި މީޓް ފްރީ ޒޯން ދެ ކުންފުނި ގުޅިގެން މިހާރު އެ ވަނީ ފެށިފަ، ކުރިއަށް އޮތް އަށް މަސްދުވަހުގެ ތެރޭގަ އިރާދަކުރެއްވިއްޔާ ހިއްކާ ނިންމާނަން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރަސްމާލެ މަޝްރޫއު މިހާރު ކުރިއަށްގެންދަނީ ކުރު މުއްދަތަކަށް ވެސް ނުވަތަ ދިގު މުއްދަތަކަށް ވެސް ބަޔަކަށް ބިން ލިބޭގޮތަށް ނޫން ކަމަށެވެ. "އެތަނުގަ ހިއްކާ ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ކުއްޔަށް ވެސް ހިލޭ ވެސް ލިބޭނެ ބިމެއް ނޫން އެތަނުގަ ހިކިގެން ދާނީކީއެއް،" ރައީސް ވިދާޅުވި އެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކުރުމަށްފަހު އެ މަސައްކަތް ހަވާލުކުރިގޮތުގެ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. އެ މަސައްކަތަކީ އެޗްޑީސީން ކުރިއަށްގެންދާ ކަމެއް ކަމަށް ބުނެ އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ އެ މައުލޫމާތުތައް ދިނުމަށް ދެކޮޅު ހަދާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ