މާލެ: 31°C
ބިދޭސީންނާ ގުޅޭ ފީތައް ދައްކަން އިތުރު މުހުލަތެއް

ބިދޭސީންނާ ގުޅޭ ފީތައް ދައްކަން އިތުރު މުހުލަތެއް

July 27, 2024
2 ފަހަރު ބަލާފައި
ބިދޭސީންނާ ގުޅޭ ފީތައް ދައްކަން އިތުރު މުހުލަތެއް
ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާ ލައްކައަކަށް ވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުން، ދައުލަތަކަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް އިތުރު މުހުލަތެއް ދީފި އެވެ. ވަޒީފާއާބެހޭ ގާނޫނާއި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އެންގީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ބިދޭސީންނާ ގުޅިގެން ވަޒީފާދޭ ފަރާތަށް ގާނޫނުން ލާޒިމުކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ޖޫން މަހުގެ 18 ވަނަ ދުވަހުގެ ކުރިން ދެއްކުމަށާއި އެ ދުވަހުގެ ނިޔަލަށް ފައިސާ ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާނު ކުރާނެ ކަމަށް ދާޚިލީ ވުޒާރާއިން އޭރު ފާހަގަކުރި އެވެ. އެގޮތުގެ މަތިން އެ ވުޒާރާއިން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރާފައިވާ 1،026 ފަރާތެއްގެ ނަމާއި އެ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ ތަފުސީލު ހިމެނޭ ލިސްޓެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފަ އެވެ. އެ ލިސްޓުގައި އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ކުންފުނިތަކާއި ވަކިވަކި ފަރުދުން ވެސް ހިމެނެ އެވެ. މި ރިޕޯޓަކީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމުން ނަގާފައިވާ ރިޕޯޓެކެވެ. އެ ދުވަހާ ހަމައަށް ކެންސަލްކޮށްފައި ނުވާ ވޯކް ޕާމިޓްތަކުގެ ވޯކް ޕާމިޓް ފީ ބަލާފައި ވަނީ އެ ތާރީހުގެ ނިޔަލަށް ދައްކަން ޖެހޭ ފީގެ ގޮތުގައިކަން ފާހަގަކޮށް ދާޚިލީ ވުޒާރާއިން ވަނީ ވަޒީފާދޭ ފަރާތުން ކެންސަލްކުރަން ބޭނުންވާ އެއްވެސް ވޯކް ޕާމިޓެއް ކެންސަލްކޮށްފައިނުވާ ނަމަ އެ ވޯކް ޕާމިޓްތައް ކެންސަލްކުރުމަށް އަންގާފަ އެވެ. ލިސްޓުގައިވާ ގޮތުން ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހޭ ފަރާތުގެ ޖޫރިމަނާ 26.8 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ. މީގެ ތެރޭގައި ވޯކް ޕާމިޓް ފީގެ ގޮތުގައި ދައްކަން ޖެހޭ 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ކޯޓާ ފީގެ ގޮތުގައި ދައްކަން ޖެހޭ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމެނެ އެވެ. މިގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާ ތިބި ފަރާތްތަކުން އެ ފައިސާ ދެއްކުމަށް އިތުރު މުހުލަތެއް ދާޚިލީ ވުޒާރާއިން މިހާރު ވަނީ ދީފަ އެވެ. އެ ވުޒާރާއިން ދިން މުއްދަތު ހަމަވާނީ އަންނަ މަހުގެ 12 ވަނަ ދުވަހަށެވެ. އެ ދުވަހުގެ ކުރިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް އެ ވުޒާރާއިން ވަނީ އަންގާފަ އެވެ. ދާޚިލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ހަލާސްނުކޮށްފިނަމަ، އެ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އާ ހުއްދަ ދިނުން ހުއްޓާލެވޭނެ ކަމުގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ