މާލެ: 31°C
ހަޔާތް ބާއްޖަވެރިވުން އޮތީ، ޙަލާލު މަސައްކަތެއްކޮށް އާމްދަނީ ހޯދައިގެން: ހުތުބާ

ހަޔާތް ބާއްޖަވެރިވުން އޮތީ، ޙަލާލު މަސައްކަތެއްކޮށް އާމްދަނީ ހޯދައިގެން: ހުތުބާ

July 26, 2024
2 ފަހަރު ބަލާފައި
ހަޔާތް ބާއްޖަވެރިވުން އޮތީ، ޙަލާލު މަސައްކަތެއްކޮށް އާމްދަނީ ހޯދައިގެން: ހުތުބާ
އިސްލާމް ދީނުގައި މަސައްކަތަކީ އަޅުކަމެއް ކަމަށާއި، ދުނިޔަވީ ހަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަވާނީ އިމާއަށާއި އެހެންމީހުންނަށް ފައިދާ ހުރި ހަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ، ރިޒްޤުގެ ބަރަކާތް ހޯދުމުގެ މައްޗަށެވެ. ރިޒްގު ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ، ﷲ އެކަލާނގެ މަހްލޫޤާތުންގެ ކިބައިގައި ލައްވައިފައިވާ ފިތުރީ ކަމެކެވެ. ރިޒްޤު ހޯދުމުގައި ކާމިޔާބު މީހަކީ ﷲއާ ވަކީލުކޮށް، އެކަލާނގެ ޙަޟްރަތުން ތައުފީޤު ލިބުން އެދި، މަސައްކަތް ކޮށްގެން އޭނާގެ ޙަޔާތް އާރާސްތުކުރާ މީހާއެވެ. ހުތުބާގައި ބުނީ ރިޒުޤު ހޯދަން އެދޭމީހާ، ހީވާގި ކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށާއި، ޙައްޤު ގޮތުގައި ރިޒުޤު ހޯދާން މަސައްކަތްކުރާ މީހާ ﷲ ގެ މަގުގައި ޖިހާދުކުރާ މީޙެއް ފަދައެވެ. އޭނާއަށް ﷲ ރިޒުޤު ތަނަވަސްކޮށްދެއްވާނެއެވެ. އީސާގެފާނާއިގެން ރައްކައުވެވަޑައިގަތުމުގެ ވޭންވަރު އައި ނާޒުކު ދަނޑިވަޅުގައިވެސް، ﷲ މަރްޔަމްގެފާނަށް އަމުރުކުރެއްވީ ކަދުރު ރުކުގެ ގަސްގަނޑު ހަލުވައިލެއްވުމަށެވެ. ރުކުގައި ހުރި ކަދުރު ބިންނެވުމަށް ޓަކައި މަސައްކަތް ކުރެއްވުމަށެވެ. މާތް ﷲ މަރްޔަމްގެފާނަށް ވަހީކުރެއްވި ބަސްފުޅުގެ މާނައިގަ ވެއެވެެ. "އަދު ކަމަނާއާ ދިމާޔަށް ކަދުރު ރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ. އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ". އެކަލާނގެ އިރާދަކުރައްވައިފިނަމަ މަސައްކަތަކާ ނުލައި އެ ކަމަނާގެ އަރިހަށް އެ ކަދުރު ގެންނަވައިފީހެވެ. އެހެންކަމުން މި އާޔަތުން އަހަރެމެންނަށް އެނގެނީ، މަސައްކަތް ކޮށްގެން ރިޒުޤް ހޯދުމަކީ ﷲ އެދިވޮޑިގެންވާ ގޮތްކަމެވެ. ހުތުބާގައި ބުނީ އިސްލާމްދީނުގައި މަސައްކަތަކީ އަޅުކަމަކަށް ވީހިނދު، ﷲ ގެ ހަޟްރަތުގައިވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަ ވެގެންނެއް ނުވެއެވެ. މަސައްކަތްކުރާ މީހާއަށް ﷲ ރުހިވޮޑިގަތުން ލިބޭނެއެވެ. މީހުންގެ ލޯތްބާއި އިހުތިރާމް ލިބޭނެއެވެ. މަސައްކަތް ނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫނެވެ. އަދި އޭނާ ވާނީ އޭނާގެ އަމިއްލަ ނަފްސަށާއި އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ