މާލެ: 31°C
ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތައް އާންމުކޮށްފި

ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތައް އާންމުކޮށްފި

July 25, 2024
2 ފަހަރު ބަލާފައި
ބިދޭސީންގެ ފީ ނުދައްކާ ކުންފުނިތައް އާންމުކޮށްފި
ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީ ނުދައްކާ ކުންފުނިތަކުގެ ނަން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ހާމަކޮށްފިއެވެ. ހޯމްލޭންޑް މިނިސްޓްރީން އެކްސްގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކެއް ހުރި ކަމަށެވެ. މިނިސްޓްރީގެ ފަރާތުން ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ)، (ށ)، (ނ) ހަވާލާދީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ހަވާލާދީފައިވާ ޤާނޫނާއި ޤަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100,000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތު މި އިޢުލާނާއިއެކު އާއްމު ކުރާ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 2024 އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކާ ޚަލާސްކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލާނެ ކަމަށް ވަނީ ބުނެފައެވެ. އެ ލިސްޓަށް ބަލާލާއިރު އެންމެ ގިނަ ފައިސާ ދައުލަތަށް ދައްކަން ޖެހެނީ ފުޓްސަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑެވެ. އެކުންފުނިން އެކަނި ބިދޭސީންގެ ވިސާ ފީގެ ގޮތުުގައި 24 މިލިޔަން ރުފިޔާ، ކޯޓާ ފީގެ ގޮތުގައި 2.7 މިލިޔަން ރުފިޔާ ދައުލަތަށް ދައްކަން ޖެހެއެވެ. ރާއްޖޭގައި ޤާވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން މިފަދަ ގިނަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ