މާލެ: 31°C
ބްރިޖާއި ހައިވޭއަށް ޓޯލް ފީއެއް ނަގަން ނިންމައިފި

ބްރިޖާއި ހައިވޭއަށް ޓޯލް ފީއެއް ނަގަން ނިންމައިފި

July 25, 2024
2 ފަހަރު ބަލާފައި
ބްރިޖާއި ހައިވޭއަށް ޓޯލް ފީއެއް ނަގަން ނިންމައިފި
ބްރިޖާއި ހައިވޭތަކަށް ޓޯލް ފީއެއް ތައާރަފް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މިކަން ހާމަކޮށްފައިވަނީ މާލޭ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށާއި މާލޭ ސަރަހައްދަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން "މާލެ ފަހި" ޕްރޮގްރާމް ލޯންޗު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އެ ޕްރޮގްރާމްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަން ހާމަކުރުމަށް ގެނެސްދިން ރިޕޯޓްގައިވާ ގޮތުން ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ޓޯލް ފީއެއް ކަނޑައަޅައި ތަންފީޒު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކަމާއި ގުޅޭ ދިރާސާ ކުރުން އަންނަ އޮގަސްޓް މަހު ފަށާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. "މާލެ ފަހި" ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އެ  ޕްރޮގްރާމަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ހާއްސަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ބްރިޖާއި ހައިވޭގެ ޓޯލް ފީއެއް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މާލޭ ސަަރަހައްދުގައި އަދި އޮތް ހަމައެކަނި ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހަދަން ފަށައި ނިންމާފައިވާ މާލޭ/ހުޅުލެ/ހުޅުމާލޭ ގުޅުވާލާ ސިނަމާލެ ބްރިޖެވެ. އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މާލެ/ވިލިމާލެ/ތިލަފުށި/ގުޅިފަޅު ގުޅުވައިދޭ ތިލަމާލޭ ބްރިޖްގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ