މާލެ: 31°C
މުހިއްމު ބަދަލުތަކަކާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްކޮށްފި

މުހިއްމު ބަދަލުތަކަކާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްކޮށްފި

July 24, 2024
2 ފަހަރު ބަލާފައި
މުހިއްމު ބަދަލުތަކަކާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ސުލޫކީ މިންގަނޑާ ހިލާފުވާ މެމްބަރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ބައިވެރިނުވެވޭ ގޮތަށް، ހެދުމާއި ގެދޮރުވެރިކަމާ ބެހޭ ދާއިމީ ކޮމިޓީއެއް ހެދުމާއި މެންދުރު ނަމާދަށް ޖަލްސާ މެދުކަނޑާލުން ފަދަ މުހިއްމު ބަދަލުތަކާއެކު މަޖިލީހުގެ ގަވާއިދު އެކުލަވައި ފާސްކޮށްފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އާ ގަވާއިދު ފާސްކުރީ 64 މެމްބަރުންގެ ވޯޓާ އެކު އެވެ.
އާ ގަވާއިދުގައި ވަނީ، މެމްބަރުން ސުލޫކީ މިންގަނޑާ ހިލާފުވި ކަމަށް ބެލެވޭ ހާލަތްތަކާއި، އަޅާނެ ފިޔަވަޅުތައް ވެސް ތަފްސީލުކޮށް ހިމަނާފަ އެވެ. އެގޮތުން މެމްބަރަކު އެއްވެސް ގާނޫނެއް އަދި ގަވާއިދަކާ ހިލާފުވެއްޖެ ނަމަ އެއީ ސުލޫކީ މިންގަނޑަކާ ހިލާފުވުން ކަމަށް ބެލެވޭނެ އެވެ. ސުލޫކީ މިންގަނޑާ މެމްބަރަކު ހިލާފުވެއްޖެ ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފި ނަމަ، އެ ކޮމިޓީއަށް އެޅިދާނެ ފިޔަވަޅުތައް ވެސް މި ގަވާއިދުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާއާއި ކޮމިޓީތަކުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭ ގޮތް ހެދުން ވެސް ހިމެނެ އެވެ. އަދި ރަސްމީ ދަތުރުތަކުގައި އާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފްދުތަކުގައި ވަކި މުއްދަތަކަށް ބައިވެރިނުވެވޭ ގޮތް ވެސް ހެދިދާނެ އެވެ. އޭގެ އިތުރުން މެމްބަރުންނާ މެދު އެޅޭނެ ފިޔަވަޅުތަކަކީ:
  1. މަޖިލީހުހެ މެމްބަރަކު އެކުރި އަމަލެއް ކުށްވެރިކޮށް، އެކަމާ ގުޅޭގޮތުން ރަސްމީ ލިޔުމެއް އެ މެމްބަރަށް ފޮނުވައި، އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ މެމްބަރުންނަށް ފޮނުވުން
  2. އެ މެމްބަރަކު ކުރީ މަޖިލީހުގެ ގަދަރަކަށް އުނިކަން ލިބޭ ކަމެއްކަން ބަޔާންކޮށް، އެކަން ކުށްވެރިކޮށް ތަޅުމުގައި އިއުލާނުކޮށް ތަކުރާރުނުކުރުމަށް ނަސޭހަތްތެރިވުން
  3. މެމްބަރަކު މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފިނަމަ، އެ ދިން ގެއްލުމުގެ ބަދަލު އެ މެމްބަރެއްގެ މުސާރައިން އުނިކުރުން
އެހެން ނަމަވެސް، ޖަލްސާތަކުގައި ބައިވެރިނުވެވޭނެ ކަމަށް ކަނޑައަޅާފައިވާ މެމްބަރުންނަށް ވަކި ކަހަލަ މައްސަލަތަކުގެ ވޯޓު ނެގާ ޖަލްސާތަކުގައި ބައިވެރިވެ އެވެ. އެއީ:
  • ރައިސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުން
  • ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަަލަ
  • ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުރުމުގެ މައްސަލަ
  • ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ މައްސަލަ
ސުލޫކީ މިންގަނޑާ ހިލާފުވެގެން މެމްބަރަކާ މެދު އަޅާ ފިޔަވަޅަކީ ޕާލިމެންޓްރީ އަދަބެއްގެ ގޮތުގައި އަޅާ ފިޔަވަޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ