މާލެ: 31°C
ސިވިލް ސާވިސްއިން ދޭ ލަފަޔާ އެއްގޮތަށް އެސްޖީ އިން އައްޔަން ކުރުމަށް ދެކޮޅުހަދާ

ސިވިލް ސާވިސްއިން ދޭ ލަފަޔާ އެއްގޮތަށް އެސްޖީ އިން އައްޔަން ކުރުމަށް ދެކޮޅުހަދާ

July 24, 2024
2 ފަހަރު ބަލާފައި
ސިވިލް ސާވިސްއިން ދޭ ލަފަޔާ އެއްގޮތަށް އެސްޖީ އިން އައްޔަން ކުރުމަށް ދެކޮޅުހަދާ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކައުންސިލްތަކަށް އައްޔަންކުރާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ބައެއް ކައުންސިލް އިދާރާތަކަށް ނުވައްދާ މައްސަލައަށް އޮތް ހައްލަކީ ކޮންމެވެސް އެއްބަޔަކަށް ބާރު ދޫކޮށްލުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސީއެސްސީގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ގާނޫނުގައި އޮންނަނީ ލޯކަލް ކައުންސިލުތަކުގެ އެސްޖީން އައްޔަންކުރާއިރު ކައުންސިލުތަކުގެ ލަފަޔާ އެކު އައްޔަންކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ސިވިލް ސާވިސްގެ ގާނޫނުގައި އޮންނަނީ ސިވިލް ސާވިސް މުވައްޒަފުން އައްޔަންކުރުމުގައި މެރިޓް އުސޫލުން އަމަލު ކުރުމަށް ކަމަށާއި އެގޮތުން ރިއާޔަތް ކުރަން ޖެހޭ ކަންކަމަށް ބެލުމަށް ފަހު އެންމެ މަތިން މާކްސް ލިބޭ ފަރާތް އައްޔަންކުރުމަށް އެ ކޮމިޝަނުން ކައުންސިލްތަކަށް ލަފާދޭ ކަމަށް ނާސިހު ވިދާޅުވި އެވެ. ސީއެސްސީގެ ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތައް އެކުލެވިގެންވަނީ ސިޔާސީ ގޮތުން އެކި ފިކުރު ބޭފުޅުންގެ މައްޗަށް ކަމަށް ވާތީ އެ ކޮމިޝަނުން ލަފާދޭ އެސްޖީން އައްޔަންކުރަން ބޭނުންނުވާ ކަމަށް ކައުންސިލުން ލަފާ ލިބޭ ފަހަރު އަންނަ ކަމުގަ އެވެ. އެހެންނަމަވެސް ސީއެސްސީގެ ގާނޫނު އޮންނަ ގޮތުން އެފަދަ ލަފާތަކާ އެއްގޮތަށް އަމަލު ކުރެވެން އެ ކޮމިޝަނަށް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނާސިހު ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ސީއެސްސީން ހުށަހަޅަނީ އެސްޖީން އައްޔަން ކުރުމުގެ ބާރު މުތުލަގުކޮށް ކޮންމެވެސް އެއް އިދާރާއަކަށް ދޫކޮށްލުން ކަމަށެވެ. އެގޮތުން އެ ބާރު އެ ކޮމިޝަނަށް ނުވަތަ ކައުންސިލަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނާސިހު ވިދާޅުވި އެވެ. ނާސިހުގެ އެ ވާހަކަތަކާ ގުޅިގެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (އިއްބެ) ވަނީ އެގޮތަށް އަމަލުކުރާ ކައުންސިލްތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލު ކުރައްވާފަ އެވެ. އިއްބެގެ ސުވާލަށް ޖަވާބު ދެއްވަމުން ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވެފައި ވަނީ މައްސަލަ ދިމާވެފައި ވަނީ ދެ ކައުންސިލެއްގެ ފަރާތުން ކަމަށެވެ. އޭގެން މައްސަލައެއް ކޯޓާ ހިސާބަށް ދިޔަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި ގޮތުގައި ކޯޓުން އެސްޖީއަށް ވަޒީފާ ދޭން އެންގި ކަމުގަ އެވެ. އެ މައްސަލައިގެ ތެރެއިން އެ މުވައްޒަފު އިސްތިއުފާ ދިނުމުން ނުކުރާ މަސައްކަތަށް ދިގު މުއްދަތަކަށް ފައިސާ ދޭން ޖެހުނު ކަމަށް ރަޝީދު ވިދާޅުވި އެވެ. ރަޝީދު ވިދާޅުވީ ކައުންސިލްތަކުން އެގޮތަށް އަމަލު ކުރުމުން ކޯޓު މަރުހަލާގައި ޖަވާބުދާރީވާން ޖެހެނީ ސީއެސްސީއަށް ކަމަށެވެ. އެހެންނަމަވެސް އެ ކޮމިޝަނަށް އެފަދަ މައްސަލަތަކުގައި ދިފާއުގައި ކުރެވޭނެ ކަމެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ސީއެސްސީގެ ރައީސް ވިދާޅުވެފައި ވަނީ ސިވިލް ސާވިސް ގާނޫނަށް ގެންނަން ފެންނަ ކަމަށް މިހާތަނަށް ފާހަގަކުރެވުނު އިސްލާހުތައް އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ