މާލެ: 31°C
ބަންގާޅުގައި މެޑިސިން ކިޔަވާކުދިންނަށް ކާފިއު ގަޑީގައި ވަޒީފާއަށް ދިއުމަށް ލުއިތަކެއް ދީފި

ބަންގާޅުގައި މެޑިސިން ކިޔަވާކުދިންނަށް ކާފިއު ގަޑީގައި ވަޒީފާއަށް ދިއުމަށް ލުއިތަކެއް ދީފި

July 23, 2024
2 ފަހަރު ބަލާފައި
ބަންގާޅުގައި މެޑިސިން ކިޔަވާކުދިންނަށް ކާފިއު ގަޑީގައި ވަޒީފާއަށް ދިއުމަށް ލުއިތަކެއް ދީފި
ބަންގާޅުގައި ފެށުނު މުޒާހަރާތަކާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި ކާފިއު ހިންގިނަމަވެސް، މެޑިސިން ހަދަމުންދާ ދިވެހި ދަރިވަރުން ވަޒީފާއަށް ދިއުމަށް ލުއި ގޮތްތަކެއް އެޤައުމުގެ ސަރުކާރުން އިންތިޒާމު ކޮށްދީފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ. ބަންގާޅުގައި ތިބި ދިވެހިންގެ ހާލަތާ ގުޅޭގޮތުން ދިވެހި ހާރިޖިއްޔާއިން ބުނީ،  ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ނިކުމެ އުޅުމުގައި ލުއި ގޮތްތައް ހައިކޮމިޝަން މެދުވެރިވެގެން ހަމަޖައްސައިދީފައިވާކަމަށެވެ. މީގެ އިތުރުން، ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ބޯޑަރ ހުރަސްކުރުމުގައި އެހީތެރިކަމަށް އެދުމުން ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ މީގެ ކުރިން، އެކަމުގައި އެހީތެރިކަން ފޯރޮކޮށްދީފައެވެ. އަދި ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް، އެތަނުގެ ޑޯމިޓަރީ ބަންދުކުރުމުން، ހައިކޮމިޝަނުގެ އެހީތެރިކަމާއެކު އެހެން ސަރަޙައްދަކަށް ބަދަލު ކޮށްފައިވާކަމަށްވެސް ހާރިޖިއްޔާއިން ބުންޏެވެ. ބަންގާޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މިގޮތުން، މިވަގުތު ޗިޓަގޮންގްގައި ތިބި 75 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކާއި، ހައިކޮމިޝަނުން ގަވައިދުން ގުޅައި ހާލުބަލަމުން އަންނަކަމަށް ބުންޏެވެ. މިދަރިވަރުންނާއެކު، ބަންގްލަދޭޝުގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 99 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން މައުލޫމާތު ދީފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުންޏެވެ. " ބަންގްލަދޭޝުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުށް މި މިނިސްޓްރީއިން އަންނަނީ ބަންގްލަދޭޝް ސަރުކާރާއި ވާހަކަ ދައްކައި ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ. މިގޮތުން، ފޮރިން ސެކްރެޓަރީ، ފާތިމަތު އިނާޔާ ވަނީ ބަންގްލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ރިއަރ އެޑްމިރަލް ޝެއިޚް އަބްދުލް ކަލާމްއާޒާދާއި މިއަދު ބައްދަލުކުރައްވައި، ބަންގްލަދޭޝުގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވައި، ބަންގްލަދޭޝުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ" ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުންޏެވެ. ބަންގާޅުގައި ފަށާފައިވާ މުޒާހަރާއަކީ، އެޤައުމުގައި 1971 ވަނަ އަހަރު ހިނގާދިޔަ ހަނގުރާމައިގައި މަރުވެދިޔަ ސިފައިންގެ އާއިލާތަކުގެ މީހުންނަށް ސަރުކާރުން ދޭ ވަޒީފާ ތަކުގެ 30 އިންސައްތަ ހާއްސަ ކުރުމާއި ގުޅިގެން ދަރިވަރުން އިސްނަގައިގެން ކުރަމުންގެންދާ މުޒާހަރާއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ