މާލެ: 31°C
ބަންދުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޝަމްނާޒު ހައިކޯޓަށް

ބަންދުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޝަމްނާޒު ހައިކޯޓަށް

July 23, 2024
2 ފަހަރު ބަލާފައި
ބަންދުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޝަމްނާޒު ހައިކޯޓަށް
ސިހުރު ހެދިކަމުގެ ތުހުމަތުގައި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ބަންދުކުރީ، ގޯސްކޮށް ކަމަށް ކަނޑައަޅާދޭން އޭނާގެ ފަރާތުން މިއަދު ހައިކޯޓުގައި އެދިއްޖެ އެވެ. އިތުރު ދެ މީހެއްގެ ބައިވެރިވުމާއިއެކު ޝަމްނާޒް ސިހުރު ހެދިކަމަށް ބުނެ ފުލުހުންގެ އިދާރާއަށް މައްސަލައެއް ހުށަހަޅައި މިމައްސަލައިގައި އެ ތިން މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 23 ގަ އެވެ. އެ ތިން މީހުންގެ ބަންދަށް އޭރު ހަތް ދުވަސް ޖެހި އެވެ. އެ މުއްދަތު ހަމަވުމުން އޭގެ ތެރެއިން އެކަކު ބަންދުން ދޫކޮށްލި އެވެ. އަދި ޝަމްނާޒާއި އޭނާއާއި އެކު ހައްުޔަރުގައި ހުރި މީހާގެ ބަންދަށް މި މަހުގެ 1 ވަނަ ދުވަހު އިތުރު 7 ދުވަސް ދިނެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލީ، މި މަހުގެ 13 ގަ އެވެ. ޝަމްނާޒް ބަންދުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިދިނުމަށް އޭނާގެ ފަރާތުން މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ 'ދެން' އަށް ކަށަވަރުކޮށްދީފަ އެވެ. ޝަމްނާާޒް ސިހުރު ހެދީ ރައީސް ޑރ. މުހަައްމަދު މުއިއްޒުގެ އަރިހުގައި މަސައްކަތްކުރުމަށް ހިތް ޖެއްސުމަށް ކަމަށް ވާހަކަ ދެކެވެ އެވެ. އެހެން ނަމަވެސް ސިހުރު ހަދަން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް ސާފެއް ނުވެ އެވެ. މި ކަމުގައި ޝަމްނާޒްއާއެކު ބައިވެރިވި ދެ މީހުންގެ ތަފްސީލެއް އަދި ނޭނގެ އެވެ. އެހެންނަމަވެސް ޝަމްނާޒުގެ އާއިލީ މެމްބަރަކު މީގައި ހިމެނޭކަމަށްވެ އެވެ. ޝަމްނާޒް މިހާރު މަގާމުން ވަކިކޮށްފައިވާއިރު އޭނާގެ ކުރީގެ ފިރިކަލުން އާދަމް ރަމީޒު ހުންނެވީ ސަސްޕެންޝަންގަ އެވެ. ރަމީޒު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. މި ދެބޭފުޅުންނަކީ ކުރިން މާލެ ސިޓީ ކައުންސިލްގައި ރައީސް މުއިއްޒު މޭޔަރުގެ ގޮތުގައި ހުންނެވިއިރު އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ދެބޭފުޅުންނެވެ. ރަމީޒު އާއި ޝަމްނާޒު ވަރިވީ މިދިޔަ ޖޫން މަހު އެވެ. ޝަމްނާޒް ރައީސަށް ސިހުރު ހެދިކަމުގެ ވާހަކަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފަ އެވެ. އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން އެހެނިހެން ގައުމުތަކުގެ މީޑިއާތަކުންވެސް މިހަބަރު ވަނީ ގެނަސްދީފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ