މާލެ: 31°C
ބޭރުގެ ދެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ބޭރުގެ ދެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

July 23, 2024
2 ފަހަރު ބަލާފައި
ބޭރުގެ ދެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ
ބައިނަލްއަޤްވާމީ ދެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. ރާއްޖެއަށް އުދުހުންތައް ފެށުމަށް ތައްޔާރުވަމުންދާ ދެ އެއާލައިނަކީ، އެކުވެރި އަރަބި އިމާރާތުގެ ބަޖެޓް އެއާލައިނެއްކަމަށްވާ އެއާ އަރޭބިއާގެ އިތުރުން މެލޭޝިއާ އެއާލައިނެވެ. އެއާ އަރަބިއާއިން ބުނެފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހުން ފެށިގެން ޔޫއޭއީގެ ޝާރްޖާއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށެވެ. އެއާ އަރަބިއާއިން ނިންމާފައިވަނީ، ޝާރުޖާއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ކޮންމެ ދުވަހަކު ޑައިރެކްޓް ފްލައިޓެއް ބޭއްވުމަށެވެ. އެއާ އަރޭބިއާއިން ރާއްޖެއަށް އުދުހުންތައް ބޭއްވުމަށް ނިންމާފައިވަނީ އެއާބަސް އޭ320 އަދި އޭ321 މަރުކާގެ ބޯޓުތަކުގައެވެ. އެ އެއާލައިނުން މިހާރު ވަނީ ޓިކެޓް ނެގުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރާއްޖެއަށް އުދުހުންތައް ފެށުމަށް ތައްޔާރުވަމުންދާ ދެވަނަ އެއާލައިނަކީ މެލޭޝިއާ އެއާލައިނެވެ. އެ އެއާލައިނުގެ އުދުހުންތައް ފެށުމަށް ނިންމާފައިވަނީ، އަންނަ އޮގަސްޓްމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މެލޭޝިއާ އެއާލައިންގެ އުދުހުންތަކާ ގުޅޭގޮތުން އެ އެއާލައިނުގެ ރާއްޖޭގެ އޭޖެންޓް އޭސް ޓްރެވަލްސް މޯލްޑިވްސްއިން ބުނީ، މެލޭޝިއާ އެއާލައިނުން ރާއްޖެއަށް ކޮންމެ ދުވަހަކު އުދުހުންތައް ބާއްވާނޭ ކަމަށެވެ. މި ދަތުރުގެ ދެކޮޅު ޓިކެޓް އަގު އުޅެނީ 186 ޑޮލަރު، ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ، 2،868.12 ރުފިޔާއަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ