މާލެ: 31°C
ޔަތަންޔާހޫ ވިދާޅުވަނީ އެމެރިކާގެ ރައީސަކަށް ކޮންމެ ބޭފުޅަކު ހުންނެވިއަސް ޔަހޫދީންނަކީ އެންމެ ގާތް އެކުވެރިޔާއަށް ވާނެކަމަށް

ޔަތަންޔާހޫ ވިދާޅުވަނީ އެމެރިކާގެ ރައީސަކަށް ކޮންމެ ބޭފުޅަކު ހުންނެވިއަސް ޔަހޫދީންނަކީ އެންމެ ގާތް އެކުވެރިޔާއަށް ވާނެކަމަށް

July 23, 2024
2 ފަހަރު ބަލާފައި
ޔަތަންޔާހޫ ވިދާޅުވަނީ އެމެރިކާގެ ރައީސަކަށް ކޮންމެ ބޭފުޅަކު ހުންނެވިއަސް ޔަހޫދީންނަކީ އެންމެ ގާތް އެކުވެރިޔާއަށް ވާނެކަމަށް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޮންމެ ބޭފުޅަކު އެމެރިކާގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވި ނަމަވެސް މެދުއިރުމަތީގައި އޮތް އެމެރިކާގެ އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި ޔަހޫދީ ދައުލަތް ދެމި އޮންނާނެ ކަމަށާއި, ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. އޭނާ އެ މޭރުމުން ވާހަކަ ދައްކާފައި ވަނީ, އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްގައި ތަޤުރީރު ކުރުމަށް އެ ޤައުމަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެއީ, 2022ވަނަ އަހަރު ބޮޑުވަޒީރު ކަމުގެ މަޤާމަށް ހަ ވަނަ ދައުރަކަށް އިންތިޚާބުވި ފަހުން ހައްދުފަހަނަ އެޅި ނަތަންޔާހޫ އެމެރިކާއަށް ކުރާ ފުރަތަމަ ދަތުރެވެ. ނަމަވެސް, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުގެ ގޮތުގައި ބެލެވޭ އެމެރިކާގެ ރައީސް ޖޯ ބައިޑަން, ނޮވެންބަރުގައި ބާއްވާ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަން އިޢުލާނު ކުރެއްވުމާ ގުޅިގެން ނިރުބަވެރި ނަތަންޔާހޫގެ ދަތުރަށް ހިޔަނި އެޅިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. އެ ދަތުރުގައި ޖުލައި 23ވަނަ ދުވަހު އޭނާ ބައިޑަނާ ބައްދަލު ކުރަން ވަނީ ހަމަޖެހިފައެވެ. ނަމަވެސް, ކޮވިޑް-19 ޖެހުމާ ގުޅިގެން ބައިޑަން މި ވަގުތު ހުންނެވީ އެކަހެރިވެ ވަޑައިގަންނަވައެވެ. އޭގެ ކުރިން ބަލި ފަސޭހަވެއްޖެ ނަމަ ބައިޑަން ނަތަންޔާހޫއާ ބައްދަލު ކުރައްވާނެ ކަމުގައި ވައިޓް ހައުސުން ބުންޏެވެ. އެއަށް ފަހު, ޖުލައި 24ވަނަ ދުވަހު ހައްދުފަހަނަ އެޅި ނަތަންޔާހޫ ކޮންގްރެސްގައި ތަޤުރީރު ކުރާނެއެވެ. ނަތަންޔާހޫ އެމެރިކާއަށް ކުރާ ދަތުރުގެ މައިގަނޑު އަމާޒަކީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން އޭނާގެ އަމުރަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން ނުތަނަވަސްވެފައިވާ ގުޅުންތައް އަލުން އިޔާދަ ކުރުމެވެ. ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް ހިންގަމުންދާ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ނަމަވެސް, އެމެރިކާއިން ވަނީ ޓެރެރިސްޓު ނަތަންޔާހޫގެ ބައެއް ސިޔާސަތުތަކަށް ފާޑު ކިޔާފައެވެ. މީގެ އިތުރުން, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު މަޝްވަރާކޮށް ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ވެސް އެމެރިކާއިން ދަނީ ޔަހޫދީންނަށް ބާރު އަޅަމުންނެވެ. މި ކަމާ ގުޅޭ ސުލްޙައިގެ މަގުޗާޓެއް ވެސް ބައިޑަން ވަނީ މޭ 31ވަނަ ދުވަހު އިޢުލާނު ކުރައްވާފައެވެ. އަދި, ބައެއް ބާވަތްތަކުގެ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދިނުން މެދުކަނޑައިލާނެ ކަމަށް ބުނެ, އެމެރިކާއިން އިންޒާރު ވެސް ކޮށްފައިވެއެވެ. ކޮންގްރެސްގައި ތަޤުރީރު ކުރުމުގެ ދަޢުވަތު ހައްދުފަހަނަ އެޅި ނަތަންޔާހޫއަށް އަރުވާފައި ވަނީ ކޮންގްރެސްގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސެވެ. ހައުސްގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށެވެ. އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކުރެއްވުމަށް ބައިޑަނަށް ވުރެ ބޮޑަށް ފޫގަޅުއްވައިގެން ހުންނެވި ބޭފުޅެއް ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އަދި, ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާއަށް ކާމިޔާބީ ލިބިއްޖެ ނަމަ, އެމެރިކާއާއި ޔަހޫދީންނާ ދެމެދު އޮތް ގުޅުންތައް އިތުރު ހަރުފަތަކަށް ފުޅާވާނެ ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ. ކޮންގްރެސުން އެދިގެން ނަތަންޔާހޫ އެމެރިކާއަށް ދަތުރުކުރި ނަމަވެސް, މިއީ އެމެރިކާގެ ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ރުހޭ ކަމެއް ނޫނެވެ. އަދި, ހައްދުފަހަނަ އެޅި ނަތަންޔާހޫ ކޮންގްރެސްގައި ތަޤުރީރު ކުރުމާ ދެކޮޅަށް އަޑު އުފުލުގެ ގޮތުން, ކެޕިޓަލް އިމާރާތް ކައިރީގައި ބޮޑެތި މުޒާހަރާތަކެއް ކުރަން ދަނީ ރާވަމުންނެވެ. މުޒާހަރާތައް އިންތިޒާމު ކުރުމުގެ ފަހަތުގައި ތިބީ, ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ބާރުއަޅައި, އަޑު އުފުލަމުންދާ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކެވެ. އަދި, އެމެރިކާގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނެވެ. މުޒާހަރާތަކަށް ހުރަސް އެޅުމަށް ފުލުހުން މިހާރު ވެސް ވަނީ މަސައްކަތް ފަށާފައެވެ. މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 39,006އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 89,818އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ